ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރުމަށް ގެންނަ ބޯޓް މިފެށޭ މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެ އަންނާނެ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްގެ ބޯޓް އަންނަ މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެ އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހުޅުމާލެ ހިއްކަން ފެށޭނެ ރަސްމީ ދުވަހެއް ބުނަން އެނގޭނީ އޭގެ ފަހުން ކަމަށެވެ.

"ބޯޓް، އަންނަ މަހުގެ މެއްދެއްހާ ހިސާބުގައި ރާއްޖެ އަންނާނެ ކަމަށް މިބެލެވެނީ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯނުން 30 މިލިއަން ޑޮލަރުގެ ލޯނެއް މިހާރު ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.