މާދަމާއިން ފެށިގެން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓު އަދި ޖުވެނިއަލް ކޯޓު ވެސް ރިސެސްއަށް ދާން ނިންމައިފި އެވެ.

ސިވިލް ކޯޓުން ބުނީ އެ ކޯޓު ރިސެސްއަށް ދަނީ މަދާމާއިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓު ރިސެސްއަށްދަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ދެ ކޯޓުން ބުންޏެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަކަމުގައި ވިޔަސް ކޯޓަށް މައްސަލަ ހުށަހެޅުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި މައްސަލަތަކާ ގުޅޭ ލިޔުންތައް ދޫކުރުން ފަދަ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ތިން ކޯޓުން ވެސް ބުންޏެވެ.

ސިވިލް ކޯޓުން ބުނީ ރިސެސްއަށް ދިޔަކަމުގައި ވިޔަސް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަގުތީ އަމުރު ނެރުމަށް އެދިފައިވާނަމަ އެފަދަ އަމުރުތަކާ މެދު ގޮތެއް ނިންމުމާއި އަދި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ގާޒީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެ ކަމަށެވެ.

އެ ތިން ކޯޓު މާދަމާ ރިސެސްއަށް ދާން ނިންމާފައިވާއިރު މާދަމާއިން ފެށިގެން ހައި ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައި އެވެ.