30 Nov 2014, 11:38
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އިސްލާމިކް ރިސާޗް އެންޑް ޓްރެއިނިން އިނިސްޓިޓިއުޓް (އައިއާރްޓީއައި) ގުޅިގެން ފަސް ގައުމެއްގެ މީހުންނަށް އަމާޒުކޮށްގެން އިސްލާމިކް ފައިނޭންސް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.
އެ ޓްރެއިނިން ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. އަބުދުﷲ ޝިހާމް ވިދާޅުވީ، އިސްލާމިކް ފައިނޭންސް ދަނީ ދުނިޔޭގައި ވަަރަށް ބާރަށް ފުޅާވަމުން ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސްގެ ހަރުދަނާކަމަށް އަލިއަޅުވާލައި ޝިހާމް ވަނީ ވާހަކަ ދައްކަވާފައެވެ.
މިއަދު ފެށި އެ ޓްރެއިނިން ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އިސްލާމިކް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަޑިވަމަން އަޒުވަރު ކަރީމް އެވެ. އެ ޓްރެނިންގައި އިސްލާމިކް ފައިނޭންސްގެ ބޭސިކް ކިޔަވައިދިނުމަށް ނިންމާފައިވެއެވެ.
ފަސް ދުވަހަށް ކުރިއަށް ގެންދާ އެ ޓްރެއިނިން ގައި 26 މީހުން ބައިވެރިވާއިރު އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ހަތަރު ގައުމަކުން ހަތް ބޭފުޅަކު ބައިވެރިވެއެވެ.