ޤާހިރާ : މިސްރުގެ ރައްޔިތުން މިނިވަންކުރުވުމާއި އެމީހުން ބާރުކުރުވުމުގެ އާ މަރްޙަލާއެއް ފެށިއްޖެކަން އެޤައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ޑޮކްޓަރ މުޙައްމަދުލް ބަރާދްޢީ އިޢްލާން ކުރައްވައިފިއެވެ. މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި އޭނާގެ ސަލާމަތީ ބާރުތަކަށް ގޮންޖަހާލުމަށްފަހު ޤާހިރާގެ މައިދާނުއްތަޙްރީރަށް އެއްވެފައިވާ އެތަށް ލައްކަބަޔަކާ މުޚާތަބުކުރައްވައި ރޭ ވާހަކަ ދައްކަވަމުން އަލްބަރާދްޢީ ވިދާޅުވީ މުބާރަކް ވެރިކަން ވައްޓާލުންނޫން އެހެން އެއްވެސް ގޮތެއް ދެން މިސްރުގެ ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށާއި މިސްރުގެ ރައްޔިތުން ތަމްސީލްކުރާ ވަގުތީ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމުގައެވެ.

މީގެއިތުރުން އަލްބަރާދްޢީވަނީ މުބާރކްގެ ވެރިކަން ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވައި އެމެރިކާ ކުށްވެރިކުރައްވާފައެވެ. އެމެރިކާގެ ރައީސް އޮބާމާވަނީ ކުރީގެ ރާގު ބަދަލު ކުރައްވައި މިސްރުގެ ވެރިކަން ބަދަލުކުރުމުގެ ކަންތައް ސުލްޙަވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މިސްރުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުމަށްޓަކައި އެމެރިކާއާއި އިސްރާއީލުން އެކިބާވަތުގެ ގޭސްތަކާއި ސްޕްރޭތައް މުބާރަކްގެ ސަރުކާރަށް ފޯރުކޮށްދެމުން ގެންދާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މިސްރުގެ ބައެއް ފަރާތްތަކުން ބުނެއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް މުޒަހަރާކުރާ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ޤައުމު ސަލާމަތް ކުރުމުގެ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިސްރުގެ އިދިކޮޅު ފަސްޖަމާއަތަކުން މިހާރުވަނީ އަލްބަރާދްޢީއާ ޙަވާލުކޮށްފައެވެ. އިއްޔެއާއި ރޭގެވަގުތަކުގައި ޤާހިރާއާއި މިސްރުގެ ބޮޑެތި ރައްތަކުގައި މުބާރަކްގެ ވެރިކަން ވައްޓާލުމަށް ގޮވާލާ މުޒާހަރާކުރި މީހުންގެ ޢަދަދު މިލިޔަނުން ގުނާލެވޭ ކަމަށް ޚަބަރުތައް ބުނެއެވެ. ޤާހިރާގެ މައިދާނުއްތަޙްރީރަށް ލައްކައިން ރައްޔިތުން އެއްވީ ބޭރަށް ނުނިކުތުމަށް މިސްރުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުން އިންޒާރުދީފައިވަނިކޮށެވެ. އެއްވި މީހުންނާ ކުރިމަތިލުމަށްޓަކައި މުބާރަކްގެ ސަރުކާރުން ޢަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކަރުތައްފަދަ ބަރުހަތިޔާރު ނެރުނުނަމަވެސް ރުޅިއައިސްފައިވާ ރައްޔިތުންގެ ޢަޒުމް ކުޑަކޮށްވެސް ގުޑުވާލެވިފައެއް ނުވެއެވެ.

އަނެއްކޮޅުން މިސްރުގެ ފަނޑިޔާރުންނާއި އަލްއަޒްހަރު ޔުނިވަރސިޓީގެ ދީނީ ޢިލްމުވެރިންވެސްވަނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުންނާ ބައިވެރިވެފައެވެ. މުޒާހަރާކުރި މީހުންވަނީ ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މަރުވި މީހުންގެ މައްޗަށް ޣާއިބުގެ ނަމާދުކޮށްފައެވެ. ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 100 އަށްވުރެ މައްޗަށް ގޮސްފައިވާއިރު ޒަޚަމްވި މީހުންގެ ޢަދަދު އެތަށް ސަތޭކައަކުން ގުނާލެވެއެވެ. މަރާލެވުނު މީހުންގެ ތެރޭގައި 18 ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މުޒާހަރާކުރާ މީހުން ރޭގައިވަނީ މިއަދު މުބާރަކް އިސްތިއުފާ ނުދެއްވައިފިނަމަ، މަރާލެވިފައިވާ މީހުންގެ ސަންދޯއްތައް ހިފައިގެން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހުސްނީ މުބާރަކްގެ ގަނޑުވަރަށްގޮސް އެތަނަށް ވަދެގަތުމަށް ނިންމިކަން އިޢްލާންކޮށްފައެވެ. އަނެއްކޮޅުން މިސްރުގެ ޖަލުތަކުން ފިލި މުޖްރިމުންގެ އެތަށް ސަތޭކަބަޔަކު ގެންދަނީ ޤާހިރާގައާއި އެނޫންތަންތަނުގައި ވައްކަމާއި ފޭރުމާއި ލޫޓުވުމުގެ ޢަމަލުތައް ހިންގަމުންނެވެ. މުބާރަކްގެ ވެރިކަމުގައި ފައިދާތައް ލިބެމުންދާ ފަރާތްތަކުން ގެންދަނީ ހަތިޔާރުއެޅި ޖަމާއަތްތައް ހަދައިގެން ރައްޔިތުންނަށް ހަމަލާދީ ޓެރަރިޒަމާއި ބިރުދެއްކުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ކަމަށް ޚަރުތައްބުނެއެވެ. މުބާރަކްގެ ނިޒާމް ވައްޓާލުމަށް އިސްވެ މުޒާހަރާކޮށް އިޙްތިޖާޖްތައް ކުރަމުން ގެންދަނީ މިސްރުގެ ޢާންމު ރައްޔިތުންނެވެ. – އަލްޖަޒީރާ، ބީ.ބީ.ސީ، ނޫސްއެޖެންސީތައް