އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ހުޅުމާލޭ އެންދެރި، އަހުމަދު ސުލައިމާނާއި މ. ވޭވަށް ބުލްބުލާގޭ މުހައްމަދު ޝަކީލު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސުލައިމާނާއި ޝަކީލު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނީ އެ ދެ ބޭފުޅުންނަށްވެސް 75 ޕޮއިންޓަށް ވުރެއް މަތިން މާކުސް ލިބުމުން ނެވެ. އެގޮތުން ސުލައިމާނަށް 83 ޕޮއިންޓް ލިބިވަޑައިގެންފައި ވާއިރު ޝަކީލަށް ލިބިވަޑައިގަތީ 86 ޕޮއިންޓެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި އަނެއް ދެ ނަންފުޅަކީ ދަފްތަރު ނަންބަރު 1548 މުހައްމަދު ޒާހިދުއާއި އދ. މަހިބަދޫ ސަނޯރާމާގޭ ފާތިމަތު މުނާ އެވެ. އެ ދެބޭފުޅުންގެ ތެރެއިން މުނާއަށް ލިބިވަޑައިގަތީ 66 ޕޮއިންޓެވެ. އަދި ޒާހިދަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ.

އެކޮމިޝަންގެ މެމްބަރުކަމަށް ރައީސް ޔާމީން ވަނީ މި މަހުގެ 24ވަނަ ދުވަހު ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އައްޔަން ކުރައްވައިފަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް އޭނާ އައްޔަން ކުރަން ރުހުންދިނުމުންނެވެ.

އެ ކޮމިޝަނުގައި ދެން ހިމެނިވަޑައިގެންނަވާ މެމްބަރަކީ އެ ކޮމިޝަންގައި ކުރިން އިންނެވި އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް އައްޔަން ކޮށްފައިވާ އިސްމާއިލް ހަބީބު އަބްދުއްރަހީމެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.