އެ މަސައްކަތަކީ ބަލާބެލުމަށް ވަރަށް ރީތި މަސައްކަތެ ކެވެ. އެެހެން ނަމަވެސް ބުރަ މަސައްކަތެކެވެ. މި ދައްކަނީ އެއްދުވަހަކުން ދެދުވަހަކުން ނިންމާލެވޭ ވަރުގެ މަސައްކަތެއްގެ ވާހަކައެއްވެސް ނޫނެވެ. ހަފްތާއެއްހާ ދުވަސްވަންދެން އެތައް ބައެއްގެ ހިންމަތާއި މިންނަތުން ކޮށްފައިވާ ބުރަ މަސައްކަތެއްގެ ވާހަކައެވެ.

މިއީ ލ. މާވަށަށް އުފަން އެރަށު އީޓުޖެހިގޭ، ހުސައިން މާޖިދު، 40ގެ މޭސްތިރިކަމުގައި އޭނާގެ އާއިލާގެ މީހުންނާއި ރަހުމަތްތެރިން ،ކޮށްފައިވާ ބުރަ އަދި އެހާމެ ރީތި ހިތްގައިމު މަސައްކަތެއްގެ ވާހަކަ އެކެވެ. ތަފާތު އެކި ވައްތަރުގެ 17،000 ދަޅު ބޭނުންކޮށްގެން މާޖިދުމެން ގޭގައި ދެ ކުއްޖަކު ޚިތާނުކުރުމަށް ފަހު ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގެ ޒީނަތްތެރިކަމުގެ ވާހަކައެވެ. މިއީ އާދައިގެ މަސައްކަތެއް ނޫނެވެ.

މާޖިދުގެ މޭސްތިރިކަމުގެ ދަށުން ހުސް ދަޅު ބޭނުންކޮށްގެން ހަދާފައިވާ ހިތާނީ ގެ: ފޮޓޯ / ސަން ކިއުންތެރިއެއް

މާޖިދު ބުނިގޮތުގައި މިގޮތަށް 'ޚިތާނީ ޑެކަރޭޝަން'ތައް ކޮށްއުޅުމަކީ އަލަށް އޭނާ ކުރާ ކަމެއް ނޫނެވެ. އަދި މީގެ ކުރީގައިވެސް ހުސް ފުޅި ބޭނުން ކޮށްގެން ޚިތާނީ ގެތައް އަޅާފައިވާނެ ކަމަށް މާޖިދު ބުންޏެވެ.

"މި ފަހަރު އަޅުގަނޑުމެން މި ޚިތާނީ ގެ އެޅުމަށް މި ބޭނުން ކުރީ 17،000 ދަޅު. ދެން މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ނޫން. މީގެ ކުރިންވެސް ހުންނާނެ މިކަހަލަ ކަންތައް ކޮށްފައި. އެގޮތުން މީގެ ކުރީ ބުރެއްގައިވެސް އުޅޭނެ ޚިތާނީ ގެ އެއް ހަމަ 'ހުސް ފުޅި' މިހުންނަނީ ނޫންތޯ... އެގޮތުން އެފަހަރު އަޅުގަނޑުމެން ބޭނުން ކުރިން 11،000 ފުޅި،" މާޖިދު ޚިތާނީ ޑެކަރޭޝަންތައް ކުރުމުގައި އޭނާގެ ތަޖްރިބާ ކިޔައިދިނެވެ.

އަބަދުވެސް މިފަދަ މުނާސަބަތެއް އާއިލާ ތެރޭގައި އޮންނަ ކަމަށްވާނަމަ ތަފާތު ގޮތްގޮތަށް އެ ހަފްލާއެއް ޒީނަތްތެރިކުރުމަކީ މާޖިދުގެ ހިޔާލުގައި ގެންގުޅޭ ކަމެކެވެ. މާވަށުގައި ޓީޗަރަކަށް އުޅޭ މާޖިދު ބުނި ގޮތުގައި މި އަހަރުގެ ޚިތާނީ ގެ އެޅުމަށްޓަކައި ދަޅު ހޯދުމުގެ މަސައްކަތްވެސް ފެށީ ވަރަށް ފަހުގެ ތާރީހެއްގައެވެ. 17،000 ދަޅު ހޯދުމަށްޓަކައި މާޖިދު އާއި އޭނާގެ ޓީމް ނުކުތީ މި އަހަރުގެ އޯގަސްޓު މަހުގައި ކަމަށް މާޖިދު ބުންޏެވެ.
މާޖިދުގެ މޭސްތިރިކަމުގެ ދަށުން ހުސް ދަޅު ބޭނުންކޮށްގެން ހަދާފައިވާ ހިތާނީ ގެ: ފޮޓޯ / ސަން ކިއުންތެރިއެއް

"އަޅުގަނޑުމެން ދަޅު ހޯދުމަށް ނުކުތީ އޯގަސްޓު މަހުގެ ތެރޭގައި. ދެން ކައިރި ރަށްރަށުންނާއި އަޅުގަނޑުމެން ރަށް ކައިރީ އޮންނަ ރިސޯޓްތަކުން ވެސް ދަޅު ލިބުނު. މާގިނަ ދުވަސްތަކެއް ނުވެ ދަޅު އެއްކުރެވިއްޖެ،" މާޖިދު ބުންޏެވެ.

ކަމެއް ކުރާއިރު އެންމެންގެ ޚިޔާލާއި ވިސްނުމަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ކަމަކަށް ކަމެއް ކުރުމަކީ އޭގެ އަސްުލުވެސް ގެއްލޭ ކަމެކެވެ. އެގޮތުން މާޖިދު ބުނީ އެ މަސައްކަތުގައި އެންމެންގެ ޚިޔާލު ހޯދައި އިހްތިޔާރު ކުރުމުގައި އެންމެނަށްވެސް އެންމެ ރީތި ފަރުމާއަށް ބިނާކޮށް އެ މަސައްކަތްކުރުމުގައި އިސްކަން ދީފައިވާނެ ކަމަށެވެ. މި މަސައްކަތަށް އެއްބާރުލުން ލިބިފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިންނާއި އާއިލާ މީހުންގެ ފަރާތުންނެވެ. އަދި ރަށުގެ އެހެނިހެން މީހުންވެސް މާޖިދު ފާހަގަކުރެ އެވެ.
މާޖިދުގެ މޭސްތިރިކަމުގެ ދަށުން ހުސް ދަޅު ބޭނުންކޮށްގެން ހަދާފައިވާ ހިތާނީ ގެ: ފޮޓޯ / ސަން ކިއުންތެރިއެއް

"ވަރަށް ބޮޑަށް އިނގޭތޯ.. ވަރަށް ބޮޑަށް އެހީތެރެވެދޭ ހުރިހާ ބޭފުޅުންވެސް،" އޭނާ ބުންޏެވެ.

މާޖިދުގެ ދަރިވަރެއް ކަމުގައިވާ ހަމްދާން ބުނީ، މާޖިދަކީ އާދަޔާ ޚިލާފު، ވަރަށް ވިސްނުން ތޫނު ހުނަރުވެރިއެއް ކަމަށެވެ.

"ވަރަށް ތަފާތު މީހެއް އެއީ. ކީކޭ ބުނާނީ... ކްރިއޭޓިވް މީހެއް އެއީ ވަރަށް.. " ހަމްދޫން ބުންޏެވެ.

މާޖިދުގެ މި މަސައްކަތް ކިތަންމެހާވެސް ފުރިހަމަ އެވެ. ބަލައިލާން އެހާމެ ރީއްޗެވެ. އަދި ހާއްސަކޮށް، ތިމާވެއްޓަށް ގެއްލުންދެނިވި މިބާވަތުގެ އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން މިފަދަ ބުރަ މަސައްކަތެއް ކުރުމަކީ ހުރިހާ ގޮތަކުންވެސް ތައުރީފު ހައްގު މަސައްކަތެކެވެ. މާޖިދުގެ މޭސްތިރިކަމުގައި ކޮށްފައިވާ މި ބުރަ މަސައްކަތް މިހާރު ދަނީ، 'ފޭސްބުކް' އާއި އެފަދަ އެހެނިހެން ސޯޝަލް މީޑިއާތަކުގައިވެސް މަޝްހޫރުވެ އެތައް ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ.