30 Nov 2014, 10:50
ގާހިރާ (ނޮވެމްބަރު 30): އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށާއި އެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށްގޮވާލާ ގަރާރެއްގެ ދެލިކޮޕީ، އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އަރަބި ލީގުން ނިންމައިފި އެވެ.
ގާހިރާގައި އިއްޔެ ބޭއްވި އަރަބިލީގުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުންވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލު ފޭބުމަށާއި އެ ދެ ސަރަހައްދުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާން ކުރުމަށް ގޮވާލާ ގަރާރުގެ ދެލިކޮޕީ ފާސްކޮށްފައެވެ.
މި ދެލިކޮޕީ ގޮވާލަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން ދެ އަހަރު ތެރޭގައި އިސްރާއީލު ފައިބައި އެ ދެ ސަރަހައްދުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށެވެ. މި ދެލިކޮޕީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ ތާއީދާއި އެއްބާރުލުން އެ މަޖިލީހުގެ މެންބަރު ގައުމުތަކުން ހޯދުމަށްޓަކައި ކުރަންޖެހޭ ބައިނަލްއަގްވާމީ ކެންޕޭނާއި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމަށް ކުވައިތާއި މޮރިޓޭނިޔާއާއި އުރުދުންގެ ޚާރިޖީ ވަޒީރުންނާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް އަލްއަރަބީ ހިމެނިވަޑައިގަންނަވާގޮތަށް ވަފްދެއްވެސް އަރަބި ލީގުން ވަނީ އެކުލަވާލައިފައެވެ.
އަރަބި ލީގުގެ މިބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އައްބާސް ވިދާޅުވީ، އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް ދައްކައިގެން އަލިމަގެއް ނުފެނުނު ކަމަށާއި ދެން އޮތްމަގަކީ ފަލަސްތީނުގެ މައްސަލަ އިންޓަނޭޝަނަލް ކުރުން ކަމުގައެވެ.
އަނެއްކޮޅުން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވަނީ، ދެ އަހަރު ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ހައްގުތަކަށް އިޢުތިރާފްވެ ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު އިސްރާއީލުން ނުދީފިނަމަ، ފަލަސްތީނުގެ މިނިވަން ދައުލަތަށް ފަރަންސޭސިވިލާތުން އިޢުތިރާފްވެ އެ ދައުލަތް ގަބޫލުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާބެހޭ ގަރާރެއްގެ ދެލިކޮޕީ ފަރަންސޭސި ޕާލަމެންޓަށް ހުށަހަޅައި އެއާމެދު މަޝްވަރާ ކުރަމުން ގެންދާކަމަށްވެސް ފެބިއޮސް ވިދާޅުވި އެވެ.
މި ގަރާރު ފާސްކުރުމަށް ފަރަންސޭސި ސަރުކާރު ނިސްބަތްވާ ސޯޝަލިސްޓް ޕާޓީއާއި އިދިކޮޅު ޕާޓީގެވެސް ތާއީދުއޮތް ކަމަށް ޚަބަރުލިބެ އެވެ. އިސްރާއީލުވަނީ ފަރަންސޭސިވިލާތުގެ މި ނިންމުމަށް ވަރަށްބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ. (ރޮއިޓާސް)