އަވަށްޓެރި ގައުމުތަކަށް ބަލާނަމަ އާންމުތަނަކަށް ކުޑަކަމުދިއުން އެއީ މާ ބޮޑުކަމަކަށް ނުވެދާނެ އެވެ. ފަގީރު ގައުމުތަކުން، ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައި އެއީ ވަރަށް އާންމު ކަމެކެވެ. ބައެއް މީހުންނަށް ކިތަންމެ ގިނަ ބަޔަކު ތިއްބަސް، ކިތަންމެ ބޮޑު މަގެއްގައި ހުރެގެން ކަމުގައި ވިޔަސް، ޖެހިލުމެއް ނެތި މަގުމައްޗަށް ކުޑަކަމުދިއުން އެއީ "ފެންފޮދެއް ބޯލުންހާ ފަސޭހަ" ކަމެކެވެ. އެއީ އެބައިމީހުންގެ ސަގާފަތެއް ފަދަކަމެކެވެ. އެހެނަސް މިއީ ހަމަގައިމުވެސް ރީތި އާދައެއް ކަމަކަށް ހެޔޮވިސްނޭ މީހަކު ގަބޫލެއް ނުކުރާނެ އެވެ. މިފަހަރު ކިޔުންތެރިންނާ ހިއްސާކޮށްލަން މިޖެހުނީ ހިތާމަވެރި ވާހަކައެކެވެ. އެއީ އެނުބައި އާދަ އަޅުގަނޑުމެންގެ މި ރާއްޖޭގައިވެސް މަޑުމަޑުން އާންމުވަމުން އަންނަ ވާހަކައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތުން ވެރިރަށް މާލޭގެ އެކިއެކި ސަރަހައްދުތައް ބަލައި، ސުރުހީއަށް މިކަން ގެނައުމަށް އަމާޒު ހިފީމެވެ.

އާންމު ތަންތަނުގައި ތިބެ ކުޑަކަމު ދިއުން މާލޭގައި އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ބާޒާރު މަތީގަޔާއި އުސްފަސްގަނޑު ސަރަހައްދުގެ ބޭރު ތޮށި މައްޗާއި އާޓިފިޝަލްބީޗާއި ހިތްފަސޭހަ ކޮށްލުމަށް މީހުން އާންމުކޮށް އުޅޭ ޕާކްތަކުގެ އިތުރުން ޓޫރިސްޓުންވެސް ގިނަ އަދަދަކަށް ގޮސްއުޅޭ ސަލްޓަންޕާކެވެ. މާލެ ވަށައިގެން ރައްކަލަކަށް ލެވިފައިމިވާ "ބަޖިޔާ ގާ"ތަކުގެ ދެގާ ދޭތެރެއަކީ ފާހާނާއަކަށް ވަނީ ހަދާފައެވެ. ތޮށްޖެހިފައިވާ މި މާލޭގައި ކުޑަކުދިން ގޮވައިގެން މީހުން ހިތް ހަމަޖައްސާލުމަށް ގޮސްއުޅޭ މާލޭގެ ބައެއް ޕާކްތަކާއި އާންމުކޮށް ފުޓުބޯޅަ ކުޅެންގޮސް އުޅޭ އެކުވެނި ސަރަހައްދަކީވެސް، ބިރަކާނުލައި ކުޑަކަމުދިޔުމުގެ ކަންކަން އިންތިހާއަށް ހިންގާ ތަންތަނެވެ. ހަމައެހެންމެ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކިން ސަރަހައްދުތަކުގަޔާއި މީހުން މަދުން ދަތުރުކުރާ ހަނި ގޯޅި ތަކުގައިވެސް އެކަން ފާޅުގައިކުރާތަން ވަނީ ފެނިފައެވެ. ވިލިމާލެ ހުޅުމާލޭގައި މިބުނާ ސަރަހައްދުތަކުގެ ހާލަކީވެސް މިއީއެވެ.

ދެ މީހަކު މާލޭ ބަނދަރު ސަރައްހަދު ތޮށިގަނޑުމަތީގައި ތިބެ ކުޑަކަމުދަނީ. މިކަން މިހާރު ވަނީ ވަރަށް އާންމުވެފައި -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

މީހުން ހިތް ހަމަޖައްސާލުމަށް ގޮސްއުޅޭ އެ ސަރަހައްދުތަކަށް ކުޑަކަމު ދިޔުމުގެ ސަބަބުން އެހިސާބުތަކުގެ ވަސް ތަޣައްޔަރުވެ، ހިތް ހަމަޖައްސާލުމަށް ގެއިން ނުކުންނަ މީހުނަށް ކުރިމަތިލާން ޖެހެނީ އިތުރު ނުތަނަވަސް ކަމަކާއެވެ. ސިޓިން ރޫމުން ނުކުމެ އުފާކޮށް ދުވެލުމަށް ގެއިން ނުކުންނަ ތުއްތު ކުއްޖާއަށް ވެސް އާހިރުގައި ކުރިމަތިލާން ޖެހެނީ މިދެންނެވި ފަދަ ތަންތަނުން ދުވާ ކުޑަކަމުދާ ތަކެތީގެ ނުބައި ވަހާއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމައްޗަށާއި އާންމު ތަންތަނަށް ކުޑަކަމުދިއުން އާންމު ވެފައިވާ އިރު ފާހަގަކުރެވިފައި ވަނީ އެއްވެސް ބިރެއް، ލަދެއް ނެތި އެފަދަ އަމަލުތައް ފާޅުގައި ހިންގަމުންދާ ކަމެވެ. މިއީ ފިރިހެނުން ކުރާ ކަމަކަށްވާއިރު ދިވެހިންނަށްވުރެ ގިނައިން މިހުތުރު އަމަލު ހިންގަމުންދަނީ ބިދޭސީންކަން ފާހަގަކުރެވެ އެވެ. ނަމަވެސް އެކި އުމުރުގެ ދިވެހިންވެސް މިފަހަކަށް އައިސް މި ނުބައި އާދައަށް ފައްކާވަމުން އަންނަކަމީ ހިތާމަހުރި ކަމެކެވެ. ހާއްސަކޮށް ކަންމަތީ ޒުވާނުންގެ ތެރޭގައި މިކަންވަނީ އާދައިގެ ކަމަކަށް ވެފައެވެ.

"އަސްލު ވާގޮތަކީ މިހެން އުޅޭއިރު ލޯޑް ބޮޑުވަނީ. ދެން މާލޭގަ ގެއަށް ނުދެވެންޏާ ނުހުރޭ ފާހާނާ ކޮށްލެވޭނެ ގޮތެއްވެސް. އެހެންވެ މަގުގެ ދެކޮޅު ބަލާފައި ދެޕިކަޕް ދޭތެރެއަށް ދުއްވާލަނީ. ދެން ދޮންނަނީ ވެސް ގެއަށް ދެވުނު އިރަކުން،" މަގުމައްޗަށް ކުޑަކަމުދިޔަ ޒުވާނަކާ ސުވާލުކޮށްލުމުން އޭނާ ދިން ޖަވާބަކީ މިއީއެވެ.
މީހަކު މާލޭ ބަނދަރު ސަރައްހަދު ތޮށިގަނޑުމަތީގައި ތިބެ ކުޑަކަމުދަނީ. މިކަން މިހާރު ވަނީ ވަރަށް އާންމުވެފައި -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އާންމުތަންތަނުގައި އެމީހުންގެ ލަދުވެތި ގުނަވަންތައް އެއްވެސް ލަދެއް، ބިރެއްނެތި ފާޅުކޮށްގެން މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކަށް ނަޖިސް ބޭރުކުރަމުންދާއިރު މިއީ ކަމާބެހޭ ފަރާތަތަކުން ހައްލުކުރަން ޖެހޭ ކަމެެކެވެ. މިއީ ސައްތައިން ސައްތަ މުސްލިމުންގެ މިރާއްޖެއިން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. ނަމަވެސް މިއަދު މިކަން ވަރަށް އާދައިގެ ކަމަކަށް ވެފައެވެ. މިހެން ދަމުން ގޮސްމިކަން ފެޝަނަކަށް ނުވަނީސް މިކަން ހުއްޓުވަންޖެހެއެވެ. އެހެން ނޫން ނަމަ ހިތް ފަސޭހަ ކޮށްލުމަށް ތުއްތު ކުދިންނާއި ބޮޑެތި މީހުން ބޭރަށް ނުކުމެއުޅޭ ސަރަހައްދުތަކުގައި ބޮޑެތި ބަލިމަޑުކަމަށް މަގުފަހިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ދިރާސާތަކުން ދައްކާގޮތުން ކުޑަކަމުދާތަކެއްޗަކީ ގައިން ގަޔަށް އަރާ ބަލިތައް ފަތުރައިދޭ ވަސީލަތެކެވެ. ކުޑަކަމުދާ ތަކެއްޗަކީ 3،000 އަށްވުރެ ގިނަ ކެމިކަލްތައް އެކުލެވިގެންވާ އެއްޗަކަށް ވުމުން އެކަކު ގައިގައި ހުންނަ ބަލިތައް އަނެކާގެ ގަޔަށް ފަސޭހަކަމާއި އެކު އެރުމަށް މަގުފަހިވާކަމަށް ދިރާސާތައް ދައްކައެވެ. ކުޑަކަމުދާ ނަޖިހަކީ ނުރައްކާތެރި ހަންމުގެ ބަލިތައް ޖެހުމަށްވެސް މަގުފަހިކޮށްދޭ ވަސީލަތެކެވެ.

މިފަދަ ކަންކަން މި ދަރަޖައަށް އިތުރުވަމުންދާއިރު މިއީ ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށެއްވެސްމެ އެވެ. އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެނަމަވެސް މަގުމަތީގައި ހިނގާބިނގާވާ މީހުންނާއި ގުޅޭގޮތުން ނުވަތަ އާންމުތަނެއްގައި ތިބޭ ބަޔަކަށް އުނަދޫވާނެ ކަންކަމުގެ ތެރެއިން އާންމުތަންތަނުގައި ޤަޟާޙާޖަތްކުރުމަކީ އަދަބު ލިބޭ ކުށެކެވެ. އަދަބު ތަކުގެ ތެރޭގައި ޖޫރިމަނާ ކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެފަދަ ކަންކަން އާންމުގޮތެއްގައި ހިނގާ ސަރަހައްދެއް--

ގާނޫނު ބުނާގޮތުންނަމަ އާންމުތަންތަނަށް ކުޑަކަމުދިޔުން ފަދަ ކަންކަމުގައި އަދަބު ދޭނީ ލޯކަލް ކައުންސިލްތަކާއި ފުލުހުންނެވެ. އެކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ޖޫރިމަނާ ކުރެވެން އޮންނަނީ އެކަން ކުރާ ވަގުތު ފެނިގެން ކަމަށާއި އެފަދަ މައްސަލަތަކުގައި އަދަބު ދިނުން މަދުވާ ސަބަބަކީ އެއީ ކަމަށެވެ.

"ވާގޮތަކީ އެކަމެއް ކުރާ ވަގުތު އެބަޖެހޭ ސިޓީ ކައުންސިލްގެ ސުޕަވައިޒަރުންނަށް ފެންނަން. އޭރުން ޖޫރިމަނާ ނޯޓިސް ދެވެން މިއަންނަނީ،" ސަމާއު ވިދާޅުވި އެވެ.

ގާނޫނު ބުނާގޮތުން އެފަދަ މައްސަލަތައް ހުއްޓުވުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ފުލުހުން ކަމަށްވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާންމު އިޖްތިމާއީ މިންގަނޑުތަކާއިި ބެހޭ ގާނޫނަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާކަމަށްވެސް ވިދާޅުވި އެވެ.

"އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފްވާ ފަރާތްތަކާއި މެދު ފުލުހުން ފިޔަވަޅު އަޅާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސައްތައިން ސައްތަ އިސްލާމީ މިގައުމުގެ މަގުތައް މަތިން މިފަދަ ހުތުރު މަންޒަރުތައް ފެނުމަކީ ހިތާމަހުރި ކަމެކެވެ. ސަބަބަކީ ޤަޟާހާޖާތްކުރުމާއި ކުޑަކަމު ދިއުން ފަދަ ކަންކަމަކީ ވަކި އުސޫލެއްގެ ދަށުން ކުރުމަށް މާތްވެގެންވާ އިސްލާމް ދީނުގައި ބާރު އަޅާފައިވާ ކަމަކަށްވުމެވެ. އެފަދަ ކަންކަމަށް ރައްކާތެރި ނުވެއްޖެ ނަމަ އަދި ޤަޟާހާޖާތްކުރުމާއި ކުޑަކަމުގޮސް ނަޖިހުން ޠާހިރު ނުވެ ހުރުމަކީ ތިމާ އެކަމުން ފާފަވެރިވެދާފަދަ ކަންކަމެވެ.

އާންމުވަމުން މި ދަނީ ލަދުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ. ގޯސް ކަމެއް އަބަދު ފެނިފެނި ހުއްދަ ކަމަކަށް ގަބޫލުކުރެވެމުންދާ ފަދައެވެ. އެއްބަޔަކު ކުރާތަން ފެނި އަނެއް ބަޔަކުވެސް އެކަން ކުރަން ފަށައިފި އެވެ. ލަދެއް ބިރެއް ނެތި ފާޅުގައި ކުރާ ކަންތައްތައް ހުއްޓުވަން ޖެހެއެވެ. އެހެން ނޫންނަމަ ގައުމުގެ އިޖްތިމާއީ ފޭރާން އިތުރަށް ބަލިކަށިވެ، އަވަށްޓެރި ގައުމުތަކުގެ ފަގީރު ހިސާބުގަނޑެކޭ އެއްފަދައިން މަގުމަތީ ތިބެ ބަލައިލާ ކޮންމެ ދިމައަކުން ކުޑަކަމުދާން މީހުން ތިބޭ މަންޒަރު އާންމުވެގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.