30 Nov 2014, 10:47
ލަންޑަން (ނޮވެމްބަރު 30): އިންސާނުންގެ އަޅުވެތިކަމުގައި އުޅޭފަދަ އަނިޔާވެރި މަޖްބޫރީ ހާލަތްތަކުގައި އެތައްހާސްބަޔަކު އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާކަން ސާވޭއަކުން ހާމަވެއްޖެ އެވެ.
އިނގިރޭސި ދާޚިލީ ވުޒާރާއިން ކުރި ސާވޭއަކުން ހާމަވިގޮތުގައި އިންސާނުންގެ އަޅުވެތިކަމުގައި އުޅޭފަދަ އަނިޔާވެރި މަޖްބޫރީ ހާލަތްތަކުގައި 10،000އާއި 13،000އާ ދެމެދުގެ އަދަދެއްގެ މީހުން އިނގިރޭސި މުޖްތަމަޢުގައި ދިރިއުޅެމުންދެ އެވެ. މީގެތެރެއިން ގިނަމީހުންނަކީ އަންހެނުން ކަމަށާއި އަޅުވެތިކަންފަދަ މަޖްބޫރީ ހާލަތްތަކުގައި އެމީހުން މަސައްކަތް ކުރަމުން ގެންދަނީ ހަށިވިއްކުމުގެ އަމަލުތައް ހިންގާ ތަންތަނުގައާއި ގޭގައި ގެންގުޅޭ ނޯކަރުންގެ ގޮތުގައެވެ.
މީގެއިތުރުން ދަނޑުތަކާއި ކާރުޚާނާތަކުގައި ބައެއް ފިރިހެނުންވެސް އަޅުވެތިކަމާ އެއްފަދަ ހާލަތްތަކުގައި ގެންގުޅެމުންދާކަން އެ ސާވޭން ވަނީ ހާމަވެފަ އެވެ. ސާވޭގެ ނަތީޖާއަށްފަހު އިނގިރޭސި ދާޚިލީ ވުޒާރާއިން ބުނެފައިވަނީ އަޅުވެތިކަމުގައި އިނގިރޭސިވިލާތުގައި ދިރިއުޅެނީ މައިގަނޑުގޮތެއްގައި ބޭރުގައުމުތަކުން ހިޖްރަކުރާ މީހުން ކަމަށާއި މިމައްސަލަ ސީރިޔަސް ކަމެއްގެ ގޮތުގައި ބަލައި މިކަން ހުއްޓުވުމަށް ޕްލޭންތަކެއް އެކުލަވާލައި ސިޔާސަތުތަކެއް ކަނޑައަޅާނެ ކަމުގައެވެ.
އަޅުވެތިކަމުގައި 36 މިލިޔަނަށްވުރެ ގިނަމީހުން، ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅެމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ވޯކްފްރީ" ޖަމިއްޔާއިންވެސް ދާދިފަހުން ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ނެރުނު ތަފާސް ހިސާބާބެހޭ ރިޕޯޓެއްގައިވާގޮތުން އާބާދީގެ ނިސްބަތަށް ބަލާއިރު އެހެން ބައެއްގެ އަޅުންނަށް ވެގެން އަޅުވެތިކަމުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެނީ އިންޑިޔާގަ އެވެ. އަދި ދެވަނައަށް އާބާދީގެ ނިސްބަތުން އަޅުން އެންމެ ގިނައީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޓޭނިޔާގައެވެ.
އިންޑިޔާގައި 14 މިލިޔަން މީހުން އިންސާނުންގެ އަޅުންގެ ގޮތުގައި ދިރިއުޅެމުންދާ އިރު މޮރިޓޭނިޔާގައި އެގައުމުގެ އާބާދީގެ ހަތަރު ޕަސެންޓް މީހުން އަޅުންގެ ގޮތުގައި އުޅެންޖެހިފައިވާ ކަމަށާއި އަޅުވެތިކަމުގައި ދުނިޔޭގައި 36 މިލިޔަން މީހުން ދިރިއުޅޭ އިރު އަޅުވެތިވުމުގެ ވަގުތީ ހާލަތްތަކުގައި 2012 ވަނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން 120 މިލިޔަން މީހުން އުޅެފައިވާކަންވެސް އެ ޖަމިއްޔާއިން ކުރި ސާވޭއަކުން ހާމަވެފައިވެއެވެ. އަޅުންގެ ގޮތުގައި ދިރިއުޅޭ މީހުން ތަހައްމަލްކުރަމުންދާ އަނިޔާތަކުގެ ތެރޭގައި މަޖްބޫރު ހާލަތުގައި ބުރަ މަސައްކަތް ކުރަންޖެހުމާއި ނުރުހުމުގައި ގަދަބާރުން ކައިވެނި ކޮށްގެން އުޅެންޖެހުމާއި ޖިންސީ އަޅުވެތިކަމުގެ ޝިކާރައަކަށްވުމާއި ޒާތީކަންކަމުގައި ވެސް އަމިއްލަ މިނިވަންކަންނެތި އުޅެންޖެހިފައިވުން ހިމެނެ އެވެ. (ބީބީސީ)