30 Nov 2014, 00:30
ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ދެ މެޗު މިއަދު ކުޅެފައި ވާއިރު، މިއަދުގެ ނަތީޖާއާއިއެކު މުބާރާތުގެ ސެމީފައިނަލުން ހަތަރު ޓީމެއް ޖާގަ ކަށަވަރު ކޮށްފި އެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ބ. ގޮއިދޫ ސްކޫލާއި އައިލެންޑް އޯޝަން ކްލަބެވެ. މި މެޗު ގޮއިދޫ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދާ ކުރި ފަސް ޓީމުގެ ތެރޭން ކޮންމެ ޓީމެއްވެސް ހަތަރު މެޗު ކުޅުނު އިރު، ގޮއިދޫ ޓީމް ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްގެނެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗު މިރޭ ކުޅެފައި ވާއިރު، މި މެޗުގައި ބައްދަލުކޮށްފައި ވަނީ ޕޮލިސް ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބެވެ. މި މެޗު ޔޫތު ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. މިރޭގެ މޮޅާއެކު އެ ޓީމް ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެ ޓީމް ކުޅުނު ހަތަރު މެޗުގެ ތެރޭން ތިން މެޗު ކާމިޔާބު ކޮށްގެނެވެ.
މުބާރާތުގައި ސެމިފައިނަލަށް ދަތުރު ކުރި ޓީމްތަކުގެ ތެރޭން ގްރޫޕް ސްޓޭޖްގެ ތިންވަނަ ޓީމަކަށް ހޮވިފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރޭން ދެ މެޗު ކާމިޔާބުކުރި އައިލެންޑް އޯޝަން ކްލަބެވެ. އަދި މުބާރާތުގައި ސެމީފައިނަލުން ޖާގަ ކަށަވަރު ކުރި އެންމެ ފަހު ޓީމަކަށް ޕޮލިސް ކްލަބް ވެފައި ވާއިރު، ކުޅުނު ހަތަރު މެޗުގެ ތެރޭން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ.
މިފަހަރުގެ ވީއެމްއޭ ޔޫތު ޗެންޕިއަންޝިޕް އަންހެން ޑިވިޝަންގައި މުޅިއެކު ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، ގްރޫޕް ސްޓޭޖުން މި މުބާރާތުން ވަކިވާން ޖެހުނީ ޔޫތު ނިއު ޖެނަރޭޝަން އެވެ. އެ ޓީމް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ.
މި މުބާރާތުގެ ސެމީފައިނަލް ދެ މެޗު މާދާމާ ހަވީރާއި ރޭގަނޑު ކުޅެން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.