ޕީޕީއެމްގެ 50 މެންބަރަކަށް މެލޭޝިއާގެ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) ޕާޓީން ތަމްރީނު ދިނުމަށް މަޝްވަރާކޮށްފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަމްނޯގެ އަހަރީ އާންމު ޖަލްސާއާއި އިންޓަނޭޝަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕީޕީއެމްގެ ރައީސް ވިދާޅުވީ އެޕާޓީގެ ޒުވާނުންނާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން މެލޭޝިއާއަށް ގޮސް ޓްރެއިނިން ހާސިލު ކުރުމަކީ ޕާޓީ ވަރުގަދަ ކުރުމާއި ކުރިއަށް ގެންދިއުމުގައި ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ 50 މަންދޫބަކު މެލޭޝިއާއަށް ގޮސް އަމްނޯ ޕާޓީން ތަމްރީނު ދިނުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕާޓީގެ ޒުވާނުންނާއި ހަރަކާތްތެރިވާ މީހުން މެލޭޝިޔާއަށް ގޮސް، ޓްރެއިނިން ހާސިލުކުރުމަކީ އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަ ކުރުމަށާއި ކުރިޔަށް ގެންދިއުމަށް މުހިންމު ކަމަކަށް ވާނެ،" ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ދިގުމުއްދަތަކަށް ކުރެއްވި ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދެ ޕާޓީ ދެމެދުގައި އޮންނަ ގުޅުން ރަސްމީ ކުރުމުގެ ގޮތުން އެއްބަސް ވުމަކަށް އަންނަ އެދިފައިވާނެ ކަމަށާއި އަދި ދެ ޕާޓީގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއި ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އަމްނޯ ޕާޓީން އެހެން ޕާޓީތަކާ އެކު ވެފައިވާ އެއްބަސްވުންތައް ޕީޕީއެމްއަށް ފޮނުވުމުން އެޕާޓީން ބޭނުންވާ އިސްލާހެއް ގެނައުމުގެ ފުރުސަތު ވެސް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އަމްނޯ ޕާޓީއަކީ ސިޔާސީ ގޮތުން ވަރަަށް ތަޖުރިބާ ހުރި ޕާޓީ އެއް ކަމަށެވެ.