29 Nov 2014, 23:41
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބު ބިން ހާޖީ ތުން އަބްދުއްރައްޒާގު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ރައީސް ޔާމިން ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް ދައުވަތެއް ދެއްވާފައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް. އަޅުގަނޑު އެދައުވަތު ދެވަނަ ފަހަރަށް ތަކުރާރު ކުރިން. މެލޭޝިއާގެ ބޮޑުވަޒީރު އިރާދަކުރެއްވިޔާ ލަހެއްނުވެ ރާއްޖެ ވަޑައިގަންންވާނެ ކަމަށް ވެސް ވިދާޅުވި،" ރައީސް މައުމޫން ވިދާޅުވި އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ، "މިއީ ވަރަށް ކާމިޔާބު ދަތުރެއް" ކަމަށެވެ. އަދި އަމްނޯ ޕާޓީއަކީ 68 އަހަރު ވެފައިވާ ތިން މިލިއަނަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ ސިޔާސީ ކަންކަމުގައި ވަރަށް ތަޖުރިބާ ހުރި ޕާޓީއެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އެޕާޓީއާ ޕީޕީއެމްއާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމަކީ އެމަނިކުފާނުގެ ދަތުރުފުޅުގެ ކާމިޔާބީއެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، މެލޭޝިއާގެ ވެރިކަން ކުރާ އަމްނޯ ޕާޓީގެ އަދި އެގައުމުގެ ބޮޑުވަޒީރު ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ލިބިވަޑައިގެންނެވި ފުރުސަތެއްގައި ދެ ޕާޓީގެ ގުޅުމާއި އަދި ދެ ގައުމުގެ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
އަމްނޯގެ އަހަރީ އާންމު ޖަލްސާއާއި އިންޓަނޭޝަނަލް ފޯރަމްގައި 22 ގައުމަކުން 150 މަންދޫބުން ބައިވެރިވެވަޑައިގަންފައި ވެއެވެ. އޭގެ ތެރޭގައި 70 އަށް ވުރެ ގިނަ ސަފީރުންނާއި އެކި ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.