29 Nov 2014, 23:26
ބ. އޭދަފުށީ ޔޫ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް ފަށައިފި އެވެ.
އަންނަ މަހުގެ ނުވަޔަކާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ވަނީ ކުޅެފައެވެ. އެ މެޗުގައި ބައްދަލުކޮށްފައި ވަނީ ބ. އަތޮޅު ގޮއިދޫ ޓީމާއި އެ އަތޮޅު ކުޑަރިކިލު ޓީމެވެ. އެ މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ނެގީ ގޮއިދޫ ޓީމުންނެވެ. އަދި އެ މެޗުގައި ކުޑަރިކިލުއަށް ކާމިޔާބު ކުރެވުނު ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މި މުބާރާތުގައި މާދަމާ ގްރޫޕް ސްޓޭޖްގެ ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ފެހެންދޫ އާއި ދަރަވަންދޫ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އޭދަފުއްޓާއި ދޮންފަނެވެ.
މިފަހަރުގެ ބ. އަތޮޅު ޗެލެންޖް ކަޕްގައި އެ އަތޮޅުގެ ހަތް ރަށެއް ބައިވެރިވެފައި ވާއިރު، މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން މި މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނެނީ ބ. އަތޮޅު ފެހެންދޫ، ދޮންފަނު، ދަރަވަންދޫ އަދި އޭދަފުށީ ޓީމެވެ. އަދި ގްރޫޕް 'ބީ' ގައި ހިމެނެނީ އެ އަތޮޅު ކިހާދޫ، ގޮއެދޫ އަދި ކުޑަރިކިލު އެވެ.
ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް ވަނީ މިދިޔަ ދެ އަހަރުވެސް ބާއްވާފައެވެ. ބ. އަތޮޅު ރަށްތަކުގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޗެންޕިއަންކަން މިދިޔަ އަހަރު ހޯދީ އޭދަފުށީ ޓީމުންނެވެ. އެ ޓީމުން ޗެންޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލްގައި ބ. ކެންދޫ ޓީމާއި ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014 މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. އަދި މުބާރާތުގެ ކޯ-ސްޕޮންސަރަކީ އުރީދޫ އެވެ. މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މައްޝޫރު ވިޔަފާރިވެރިޔާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.