31 Jan 2011, 07:37
މިފަހަކަށް އައިސް މެދުއިރުމަތީގައި ހިނގަމުންދާ ބޮޑެތި ކަންތައްތަކުގައި އެމެރިކާގެ ދައުރެއްނެތެވެ. މިކަންތައްތައް ކުރިޔަށްދަނީ އެމެރިކާގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުން ބޭރުގައި ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މެދުއިރުމަތީގައި އެމެރިކާގެ ދައުރު ހީނަރުވެ ބަލިކަށިވިކަން ހާމަވި އެންމެ ބޮޑު އެއްކަމަކީ 20 އަހަރުވަންދެން އެމެރިކާ ކުރިޔަށް ގެންދިޔަ މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތްތައް ނާކާމިޔާބުވެގެން ދިޔުމެވެ. މި ނާކާމިޔާބީއާއެކު، މިދެފަރާތް އަލުން ސުލްހައިގެ މޭޒުދޮށަށް ގެނައުމުގެ ޤާބިލްކަންވެސް އެމެރިކާގެ ކިބާގައިނެތްކަން ވަނީ ހާމަވެފައެވެ. މިއީ އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ މައްޗަށް ނުފޫޒު ހިންގުމުގައިވެސް އެމެރިކާގެ ނުކުޅެދުންތެރިކަން ދޭހަހަކޮށްދޭ ކަމެކެވެ.
އަނެއްކަމަކީ މިސްރާއި ތޫނިސްގައި ކުރިޔަށްދާ ކަންތައްތަކަށް އެމެރިކާގެ ބާރެއް ނުފޫޒެއް ނުހިނގުމެވެ. މިދެޤައުމުގައި ތިއްބެތި އެމެރިކާ އިތުބާރުކުރާ ބާރުގަދަ ވެރިން، ރައްޔިތުންގެ ނުކުމެ ނިކަމެތި ގޮތަކަށް ވައްޓާލައި އަމިއްލަ ޤައުމުން އެބޭފުޅުން ފައްސާލެވެމުން ދާއިރު އެބޭފުޅުންގެ ދިފާޢުގައި އެމެރިކާއަށް ކުރެވުނު ކަމެއް އަދި ކުރެވޭނެކަމެއް ނެތެވެ. މީގެއިތުރުން އެމެރިކާވަނީ ހަދާނެގޮތް ހުސްވެ ބަސް ހުއްޓި ޙައިރާންވެސް ވެފައެވެ.
ތޫނިސްއާއި މިސްރުގައި މިގޮތަށް ކަންތައްތައް ދާނެކަމަށް އެމެރިކާގެ ސްޓްރެޓީޖިކް މުފައްކިރުން ޚިޔާލުވެސް ކުރައްވާފައެއް ނުވެއެވެ. ޢަރަބި އިސްރާއީލުގެ ސުލްޙަ ނާކާމިޔާބުވުމާއި ތޫނިސްއާއި މިސްރުގެ ކަންތައްތަކުގައި އެމެރިކާގެ ކޮންޓްރޯލް ނެތުމުން މެދުއިރުމަތީގެ ކަންތައްތައް ހިންގާ މައި އިންޖީނަކީ އެމެރިކާ ނޫންކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އަދި މެދުއިރުމަތީގެ ތާރީޚު ލީޑްކޮށް ތާރީޚީ ޙާދިސާތައް ޑައިރެކްޓްކުރާ ފަރާތަކީ ވެސް އެމެރިކާނޫންކަން ހާމަވެއްޖެއެވެ. މިކަންތައްތައް މިގޮތަށް ހުރިއިރު، އެމެރިކާއާ އިދިކޮޅު އީރާނާއި ސޫރިޔާގުޅިގެން، ލުބްނާނުގައި އޮތް އެމެރިކާގެ ތާއީދުލިބިފައިވާ ޙަރީރީގެ ސަރުކާރު ވަނީ ވައްޓާލާފައެވެ. އަދި ލުބްނާނުގައި ދެންއުފައްދާނެ ކަމަށް ބެލެވިފައިވަނީވެސް ހިޒްބުﷲ އާއި ސޫރިޔާއާއި އީރާންގެ ތާއީދު ލިބިފައިވާ ސަރުކާރެކެވެ.
އަނެއްކޮޅުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގައިވެސް އެމެރިކާ ނާކާމިޔާބުވެފައިވާއިރު އީރާންވަނީ ސައެންސާއި ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި މެދުއިރުމަތީގައި ނުފޫޒު ގަދަކޮށް ސަރަޙައްދީ ބާރަކަށް ވެފައެވެ. މެދުއިރުމަތީގެ އަނެއްބާރު ކަމަށްވާ ތުރުކީވަނީ އީރާނާއެކު ސްޓްރެޓީޖިކް ގުޅުންތަކެއް އުފައްދައި އިސްރާއީލާ މެދު ހަރުކަށިވެ ސީރިޔަސްވެފައެވެ. ދެންއޮތީ ޙަމާސާއި ޙިޒްބުﷲ ގެ ވާހަކައެވެ. މިދެޖަމާއަތުގެ ދުވަސްދުއްވާލުމަށް އެމެރިކާ އަޑީގައި އޮވެގެން އިސްރާއީލު ލައްވައި ކުރުވި ދެހަނގުރާމަވެސް ވަނީ ނާކާމިޔާބުވެފައެވެ. ނަތީޖާއަކީ މިދެޖަމާއަތް، އިތުރަށް ވަރުގަދަވެ އިސްރާއީލު ޖެހިލުންވާ ބާރުގަދަ ދެޖަމާއަތަށްވުމާއި އީރާނުގެ ބާރާއި ނުފޫޒު އިތުރަށް ވަރުގަދަވުމާއި އެމެރިކާގެ ނުފޫޒަށް އިތުރު ލޮޅުންތަކެއް އެރުމެވެ.
ދުނިޔޭގެމަސްރަޙަށް ބަލާއިރުވެސް އެމެރިކާގެ ފަރާތުން ފެންނަނީ ބަލިކަށިވުމުގެ ޢަލާމާތްތަކެވެ. ދާދިފަހުން ދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ހީނަރުކަމުގައިވެސް އެންމެ ބޮޑު ލޮޅުމެއްއެރީ އެމެރިކާގެ އިޤްތިސާދަށެވެ. އެންމެ ގިނައިން ރޫޅި ބިމާހަމަވެގެންދިޔައީ އެމެރިކާގެ މާލީ މުއައްސަސާތަކެެވެ. މިމައްސަލާގައި ޗައިނާއާއި އިންޑިޔާ ކުރިފަސް ހޯދިއިރު ޗައިނާއާ އަޅާބަލާއިރު ހުރިހާ ދާއިރާއެއްގައިވެސް އެމެރިކާދަނީ ބަލިކަށިވަމުންކަމަށް ބެލެވޭނެ އެތަށް ޙަޤީޤަތްތަކެއް މިހާރު ފެންނަން އެބަހުއްޓެވެ. އަނެއްކޮޅުން ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ގަންނަމުންދާ ސަކަރާތްގަނޑަކީވެސް ވަކިސަހަލި ކަމެއްނޫނެވެ. މިސަކަރާތުންވެސް އެމެރިކާއަށް އަލިމަގެއް އަދި ފެންނާކަށްނެތެވެ. އަފްޣާނިސްތާނުގައި ކާމިޔާބެއް ނުލިބެއެވެ. މިސަކަރާތްގަނޑު ދިގުލުމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު ބަލިކަށިވެ އެެމެރިކާގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައްވަނީ މަޑުޖައްސާލަންޖެހިފައެވެ.
\"