29 Nov 2014, 23:26
ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އެކްސެލް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޔޫތު ޑިވެލޮޕްމަންޓް ޓީމުން ހޯދައިފި އެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ މާލެ ސްޕޯޓްސް ކްލަބާއި ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ. ޔޫތު ޑިވަލޮޕްމަންޓް ޓީމް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ 42 ލަނޑުގެ ތަފާތަކުން މާލެ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެނެވެ.
މުބާރާތުގެ ފައިނަލަށް ދެ ޓީމު ދަތުރު ކޮށްފައި ވަނީ ކޮންމެ ޓީމަކުންވެސް މި މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރޭން ދެ މެޗު ކާމިޔާބު ކޮށްގެނެވެ.
މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވި މާލެ ސްޕޯޓްސް ކްލަބުން ނިންމީ ހޮވާށެވެ. އަދި މެޗުގައި ފުރަތަމަ ބެޓް ކުރި ޔޫތު ޑިވަލޮޕްމަންޓް ޓީމް ވަނީ 44.1 އޯވަރުގެ ތެރޭގައި އެ ޓީމްގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން މުޅިއެކު 159 ލަނޑު ހަދާފައެވެ.
ޔޫތު ޑިވަލޮޕްމަންޓް ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މުޅިއެކު 46 ލަނޑު އެ ޓީމަށް ހަދައިދިން އެޓީމްގެ ނިލާންތް ކޫރޭ އާއި 31 ލަނޑު ޓީމަށް ހަދައިދިން އެ ޓީމްގެ އަހުމަދު އަފްޒަލް އެވެ. މި އިނިންގްސް ގައި މާލެ ސްޕޯޓްސް ކްލަބުގެ ފަރާތުން އެންމެ ފާހަގަ ކޮށްލެވުނު އުކުންތެރިޔަކީ 6.1 އޯވަރުގެ ތެރޭގައި 21 ލަނޑަށް 6 ވިކެޓްނެގި އަހްމަދު ހަސަން އެވެ.
އޭގެ ޖަވާބުގައި މާލެސްޕޯޓްސް ކްލަބުން ކުޅެން އަރައި 33.2 އޯވަރުގެ ތެރޭގައި އެ ޓީމްގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައި ވަނީ މުޅިއެކު 117 ލަނޑެވެ. އެ ޓީމުގެ އެންމެ ރަގަޅު ކުޅުންތެރިއަކަށް ފާހަގަ ކުރެވުނީ ޓީމަށް 26 ލަނޑު ހަދައިދިން އަހްމަދު ނީސާމް ނާސިރު އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާލެ ސްޕޯޓްސް ކްލަބުގެ އަހުމަދު އަފްޒަލް ފާއިޒް އެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޝަރަފްވެރި މެހެމާނު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ވަހީދް ވަނީ، މުބާރާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
މި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާލެ ސްޕޯޓްސް ކްލަބުގެ އަހުމަދު ހަސަން އެވެ. އޭނާ ވަނީ މުބާރަތުގެ އެންމެ މޮޅު އުކުންތެރިޔާގެ މަގާމްވެސް ހާސިލް ކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ޔޫތު ޑިވެލޮޕްމަންޓް ޓީމުގެ މިހުސާން ހާމިދު ހޮވިފައި ވާއިރު، އެންމެ މޮޅު ހިފުންތެރިއަކަށް ހޮވިފައި ވަނީ ޔޫތު ޑިވަލޮޕްމަންޓް ޓީމުގެ މުހައްމަދު ޝަހުދާން އެވެ.
އެކްސެލް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް ފަށާފައި ވަނީ މި މިހުގެ ހަތެއްގައެވެ. މި މުބާރާތުގައި މިފަހަރު ބައިވެރިވީ މުޅިއެކު ހަތަރު ޓީމެވެ.