29 Nov 2014, 22:51
އެމްޑީޕީގެ ތިން ދާއިރާއެއްގެ ރައީސް ކަމަށާއި ތިން ދާއިރާއެއްގެ ނައިބު ރައީސް ކަމުގެ އިތުރުން ދެ ޕްރޮވިންސެއްގެ ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިޚާބުކޮށްފި އެވެ.
އެމްޑީޕީން ހުސްވެފައިވާ މަގާމްތަކަށް ބޭފުޅުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ށ. ކަނޑިތީމް ދާއިރާގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެފައި ވަނީ އެއަތޮޅު ބިލެތްފަހީ ދަނބުރުށްދޮށުގޭ އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ. އޭނާ އެ މަގާމް ކާމިޔާބު ކުރެއްވީ އެއަތޮޅު ފޭދޫ މޫނިމާގޭ އަބްދުލް އަޒީޒް އިބްރާހީމާ ވާދަކުރައްވައިގެނެވެ. ޝަހީމަށް 354 ވޯޓު ލިބިވަޑައިގަތް އިރު އަބްދުލް އަޒީޒަށް ލިބިވަޑައިގަތީ 101 ވޯޓެވެ.
ކަނޑިތީމު ދާއިރާގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކި ބޭފުޅާ ކަމުގައިވާ އެއަތޮޅު ފޭދޫ ކަސްތޫރިމާގޭ އިބްރާހީމް މުހައްމަދު އެމަގާމުގައި ބަހައްޓަން ފެންނަ ކަމަށް 341 ވޯޓު ވަނީ ލިބިފައެވެ.
ނ. ކެނދިކުޅުދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ އެވެ. އޭނާ އެ ދާއިރާގެ ރައީސް ކަމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް 451 ވޯޓު ވަނީ ލިބިފައެވެ.
ބ. ތުޅާދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް އެންމެ ބޭފުޅެކެވެ. ތުޅާދޫ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނިމާލެވެ. އޭނާ އެ މަގާމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް 546 ވޯޓު ވަނީ ލިބިފައެވެ.
ތ. ވިލުފުށީ ދާއިރާގެ ނައިބު ރައީސް ކަމަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ އެއަތޮޅު ބުރުނީ ގުލްފާމްގޭ އާދަމް މުހައްމަދެވެ. އޭނާ އެމަގާމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް 213 ވޯޓު ވަނީ ލިބިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާ ކަމުގައިވާ ގ. އާކާޝްވިލާ އާމިނަތު ޒާހިރާ އެ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 101 ވޯޓު ވަނީ ލިބިފަ އެވެ.
މީގެއިތުރުން އުތުރު ޕްރޮވިންސާއި މެދު ޕްރޮވިންސްގެ ރައީސް ކަމަށް ވެސް މިއަދު ވަނީ ދެ ބޭފުޅަކު އިންތިޚާބުކޮށްފައެވެ. އެއިން ކޮންމެ މަގާމަކަށްވެސް ވާދަކުރެއްވީ އެންމެ ބޭފުޅެކެވެ. އެގޮތުން އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އިންތިޚާބުކޮށްފައި ވަނީ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު އެވެ. އޭނާ އެ މަގާމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް 3217 ވޯޓު ވަނީ ލިބިފައެވެ. މެދު ޕްރޮވިންސްގެ ރައީސް ކަމަށް މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު އިންތިޚާބު ކުރަން ފެންނަ ކަމަށް 1405 ވޯޓު ވަނީ ލިބިފައެވެ.