ރަށުތެރެ ހަލަބޮލިކޮށް މަގުމަތީގައި ކަންކަން ކުރަން އޮންނަ އުސޫލްތަކާއި އޮންނަ ހުދޫދުތަކުގެ ބޭރުން ކަންކަންކުރާނަމަ ފުލުހުން އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ދ. ވާނީގައި ކުރިއަށްދިޔަ ހަތް ވަނަ ބްލޫސް ފޯ ޔޫތު ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ، ރަށުތެރެ ހަލަބޮލިކޮށް މަގުމަތީގައި އޮންނަ އުސޫލްތަކާއި އޮންނަ ހުދޫދުތަކުގެ ބޭރުން ކަންކަންކޮށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ، ކުށްމަދު އަމާން ވެށްޓެއް ގާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ފުލުހުންނަށް ބޭނުންވާކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ހިންގަމުންދާއިރު އެއްބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރަށުތެރެ ހަލަބޮލިކޮށްލަންކަމަށާއި މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް އެއްވުމަށް އެކި ފަރާތްތަކުން އެދެމުންދާކަން އެނގިވަޑައިގަންނަވާކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.

ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށްކުރާ މީހުން ހޯދައި ކުށުގެ އަމަލުތައް ހުއްޓުވުން ނޫންކަމާއި ފުލުހުންނަކީ ޒުވާނުން ބިނާކޮށް ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް ފުލުހުން މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.