29 Nov 2014, 21:57
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމަކުރަންޖެހޭ ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ދ. ވާނީގައި ކުރިއަށްދިޔަ ހަތް ވަނަ ބްލޫސް ފޯ ޔޫތު ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަރު ވިދާޅުވީ، ފުލުހުން ބަލަމުންދާ ބައެއް ޒާތުގެ މައްސަލަތަކަކީ އެމައްސަލައިގެ ބާވަތުން މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތު ޖެހުމުގެ ކުރިން ހާމަކޮށްފިނަމަ ފުލުހުންގެ ތަހުގީގަށާއި މައްސަލަ ކާމިޔާބުކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށެވެ.
ފުލުހުން ބަލަމުންދާ ކޮންމެ މައްސަލައަކީ އެތައް ބައެއްގެ ހައްގުތައް އޭގައި އެކުލެވޭ، ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި މައްސަލަތަކެއްކަމަށް ވުމުން، އެފަދަ މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތު ޖެހުމުގެ ކުރިން އެ މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މައުލޫމާތު ހާމަކުރަންޖެހޭ ވަގުތު ޖެހުމުން އެ މައުލޫމާތު ފުލުހުން ހާމަކުރަމުންދާނެ ކަމަށެވެ.
ކޮމިޝަރު މިހެން ވިދާޅުވެފައި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެ މައްސަލައާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން ހާމަނުކުރާ ކަމަށް ބުނެ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހުސައިން ވަހީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކާއި ތަހުގީގުކުރާ މައްސަލަތަކާ ބެހޭ ހުރިހާ މައުލޫމާތުތަކީ އާއްމު ކުރެވޭނެ މައުލޫމާތުތަކެއް ނޫން ކަމަށާއި ބަޔަކު އެކި ގޮތްގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންނަށް ޕްރެޝަރުކުރިނަމަވެސް އެފަދަ މައުލޫމާތު ހިއްސާކުރެވިދާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.