29 Nov 2014, 21:35
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށްް ރާއްޖެ އިން ތާއީދު ކުރަމުން އަންނަ ކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަކުރާރު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މިއަދަކީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސްގެ، މެސެޖްގައި މިއަހަރަކީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ އަހަރު ކަމުގައިވާ ހިނދު، ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު އެގައުމުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލައްވާފައިވެ އެވެ. އަދި ރާއްޖޭގެ އުއްމީދަކީ، ފަލަސްތީނުން އ.ދގެ ފުރިހަމަ މެންބަރަކަށް ވުމަށް ކުރަމުންދާ މަސައްކަތް ތަކަށް ކާމިޔާބު ލިބިގެން ދިއުން ކަމުގައި ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސްގެ މެސެޖްގައި، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވެ އެވެ. އަދި ޕަލަސްތީން ރައްޔިތުންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް ކުރެވޭ މަސައްކަތްތަކަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. '
އ.ދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނުގެ މައްސަލާގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއިން އަޑުއުފައްލަވަމުން ގެންދަވާނެ ކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ. އަދި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވެ އެވެ.