ޅ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ފުލުސް މީހާ ދޫކޮށްލަން އަމުރުކޮށްފައި ވަނީ އޭނާގެ ފޯން ކޯލް އަޑުއަހާފައި ވަނީ ކޯޓު އަމުރެއް އޮވެގެންކަން ފުލުހުންނަށް ބުނެދެވިފައި ނުވާތީ ކަމަށް ކްރިމިލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، ފުޅާދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުހެއް ކަމުގައިވާ ޅ. ހިންނަވަރު މާރަނގަ، އާދަމް ވިޝާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުންނާ ސުވާލު ކުރުމުން އޭނާގެ ފޯންކޯލް އަޑުއަހައި ރެކޯޑުކޮށްފައި ވަނީ ކޯޓު އަމުރެއް އޮވެގެންކަން ފުލުހުންނަށް ބުނެދެވިފައި ނުވާކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:11 އެހައިކަންހާއިރު އެވެ.

ވިޝާލް ހައްޔަރުކޮށްފައި ވަނީ އޭނާ އަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާއެއްގައި ދެމިހުރެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ތުހުމަތު ކުރެވޭތީ އާއި އޭނާގެ ސަބަބުން މުޖުތަމައުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބައިގައި ޖެހި އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަމަށް ފެންނާތީ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކަކީ ހިންނަވަރުގައި ވިޔަފާރި ކުރާ ބަޔަކާއި އޭނައާ ދެމެދު ކުރެވިފައިވާ ފޯންކޯލަކާއި އަދި އޭނައާ ބެހޭގޮތުން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު ކަމަށް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީގައިވާގޮތުން އެއްވެސް މީހެއްގެ ފޯންކޯލް އަޑުއަހަންވާނީ އެކަމަށްޓަކައި ޝަރުއީ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން އެނޫން ގޮތަކަށް އަޑުއަހައި ރެކޯޑުކޮށްފައިވާ ފޯންކޯލްތަކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ބަލަންޖެހެއެވެ.