29 Nov 2014, 19:11
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާ ދެކޮޅަށް 2011 ވަނަ އަހަރު ހަޅުތާލު ކުރި މީހުންގެ ތެރެއިން 239 މީހަކު މަރާލި ކަމަށްބުނެ އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ދައުވާ ސާބިތު ނުވާކަމަށް ގާހިރާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލަ ބެއްލެވުމަށްފަހު މުބާރާކްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް އިއްވުމުން އޭނާގެ ސަޕޯޓަރުންގެ އުފާ ފާޅުކުރުމުގެ އަޑުފައްގަނޑުން ކޯޓު ގުގުމައިގެން ދިޔަ އެވެ. މުބާރަކުގެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާއިރު އެ މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު ހިމެނޭ ގޮތަށް އިސް ހަތް އޮފިޝަލުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވެސް ޝަރީއަތަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މުބާރަކުގެ މައްޗަށް އުފުލާފައިވާ 239 މީހުންގެ މަރުގެ ދައުވާ ސާބިތުނުވި ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެގެން އިއްވާފައިވާ ތިން އަހަރުގެ ޖަލުހުކުން މިހާރު ވެސް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ. ނަމަވެސް 86 އަހަރުގެ މުބާރަކްގެ ސިއްހީ ހާޅުކޮޅު ހުރިގޮތުން އެމަނިކުފާނު ބަހައްޓާފައިހުރީ އެގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
މުބާރަކް އާއި އެމަނިކުފާނުގެ ކުރީގެ އިންޓީރިއާ މިނިސްޓަރު ހަބިބް އަލް-އަދްލީ އަދި އިތުރު ހަ މީހެއްގެ މައްޗަށް ބަޔަކު މަރާލަން ރޭވިކަމުގެ ކުށް ސާބިތުކޮށް އުމުރު ދުވަހަށް ޖަލުގެ ހުކުމް އިއްވާފައި ވަނީ 2012 ގައެވެ. ނަމަވެސް ޝަރީއަތުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ނުވާތީ، އެމައްސަލައިގެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމަށް ވަނީ އަމުރުކޮށްފައެވެ.
މުބާރާކް ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން 2011 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައި އޭނާއާ ދެކޮޅަށް މުޒާހަރާކުރި ރައްޔިތުންނާއި އެގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 800 އެއްހާ މީހަކު ވަނީ މަރުވެފައެވެ.
މުބާރާކްގެ އިސްތަށިފުޅުގައި އަޅުވާފައިވާ އާންމުންގެ އެތައްބައެއްގެ މަރުގެ ތުހުމަތުން އެމަނިކުފާނު ބަރީއަ ވެފައި ވާއިރު އިސްރާއީލާ ދެމެދު ހިންގި ތެލުގެ މުއާމަލާތެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ކޮށްފައިވާ ދައުވާ ވެސް ސާބިތެއް ނުވިއެވެ.
މިއަދު ހަމަ އެ ކޯޓުގައި ކުރިއަށް ގެންދިޔަ މުބާރަކްގެ ދެ ބޭފުޅުން ކަމަށްވާ ގަމާލް އާއި އަލާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ އަށް ވެސް އެ ދެ ބޭފުޅުން ވަނީ އިންކާރުކުރައްވާފައެވެ.