ގައުމީ ކެރަމް މުބާރާތުގައި ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް ޗެންޕިއަންކަން އައިމިނަތު ނިފާޝާ ޖެހިޖެހިގެން ތިންވަނަ އަހަރަށް ހޯދައިފި އެވެ.

މިހާރު ކުރިއަށްދާ އެސްޓީއޯ ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޗެންޕިއަންކަން ނިފާޝާ ހޯދާފައި ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ފާތިމަތު ރަޔާން އާއި ބައްދަލުކޮށް، އެ މެޗު ކާމިޔާބުކޮށްގެނެވެ.

މުބާރާތުގައި މި އިވެންޓުގެ ދެވަނަ މަގާމް ހޯދި ރަޔާން ވަނީ މިދިޔަ އަހަރުވެސް މި އިވެންޓުގެ ދެވަނަ މަގާމް ހާސިލް ކޮށްފައެވެ. ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް އިވެންޓުގެ ތިންވަނަ މަގާމް ހޯދާފައި ވަނީ އައިމިނަތު ވިދާދް އެވެ.

މި މުބާރާތުގެ އެންމެ ފަހު އިވެންޓް ކަމަށްވާ ޕްރިމިއާ ޑިވިޝަންގެ ފިރެހެން ސިންގަލްސް އިވެންޓުވެސް މިއަދު ފަށަން ހަމަޖެހިފައި ވާއިރު، މި އިވެންޓުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހު އެކެއް ގައެވެ.

އެސްޓީއޯ ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތް ފަށާފައި ވަނީ މި މަހުގެ 15 ގައެވެ. މި މުބާރާތުގައި މިހާތަނަށް މި މުބާރާތުގައި މިހާތަނަށް ތިން ޑިވިޝަނެއްގެ މުޅިއަކު 10 އިވެންޓު ބާއްވާފައި ވާއިރު، އޭގެ ތެރޭގައި ޕްރިމިއާ ޑިވިޝަންގެ ހަތަރު އިވެންޓާއި ދެވަނަ ޑިވިޝަންގެ ދެ އިވެންޓުގެ އިތުރުން ޖޫނިއާ ޑިވިޝަންގެ ހަތަރު އިވެންޓު ހިމެނެއެވެ.