ޕޮލިސް ކްލަބުގެ ފުޓްބޯޅަ ޓީމަށާއި ޓީމްގެ އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުމަށާއި، ޓީމް ސްޕޮންސާ ކޮށްދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕޮލިސް ކްލަބުން 'ފުޓްބޯޅަ ނައިޓް' ގެ ނަމުގައި ހަފްލާއެއް ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި މި ހަފްލާގައި ޕޮލިސް ކްލަބުގެ ފުޓްބޯޅަ ޓީމަށާއި ޓީމްގެ އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފްވެރި މެހެމާން އަދި ކޮމިޝަނާ އޮފް ޕޮލިސް ހުސެން ވަހީދު އެވެ. މީގެ އިތުރުން މި ހަފްލާގައި ޕޮލިސް ކްލަބުގެ ފުޓްބޯޅަ ޓީމް ސްޕޮންސާ ކުރި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައި ވެއެވެ. ސްޕޮންސަރުންނަށް ހަނދާނީ ފިލާ ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

މި ހަފްލާގައި ޕޮލިސް ކްލަބް ފުޓްބޯޅަ ޓީމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުންވެސް ދެއްވާފައި ވެއެވެ. މި ހަފްލާގައި ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުންގެ އިތުރުން ފުލުހުންގެ އެހެނިހެން އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިންނެވި އެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ، ކުޅިވަރުގެ ތެރެއިން ޒުވާނުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަކީ މުޙިއްމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބާރުއަޅުއްވައި، ޕޮލިސް ކްލަބުގެ ފުޓްބޯޅަ ޓީމަށް ކާމިޔާބީއަށް އެދިލެއްވި އެވެ.