ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ މިހާރުގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ތައުރީފް ކުރައްވައިފި އެވެ.

އެމްޑީޕީ އޮފީސް ބޭރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަން ކުރައްވަނީ ޣައިރު ހާޒިރުގައި ކަމަށާއި މިފަދަ ހާލަތެއްގައި ޑރ. ޖަމީލް ނާއިބު ރައީސް ކަމާ ހަވާލުވެވަޑައިގެން އުޅުއްވާ ކަމީ ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް ބޮޑު ރައްކަލެއް ކަމަށެވެ.

"ރައީސް ޔާމީން ޣައިރު ހާޒިރުގައި ވެރިކަން ކުރައްވާއިރުގައި ނައިބް ރައީސް ކަންކަމާއި ހަވާލު ވަޑައިގެން އުޅުއްވާތަން ފެންނަކަމީ އަޅުގަނޑުމެންގެ ގައުމީ ހަޔާތަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް އަޅުގަޑު ދެކޭ ގޮތުގައި އޮތް ބޮޑު ރައްކަލެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއަށް ގެނައި އިސްލާހީ ބަދަލުތައް ކިތަންމެހާ ވެސް ރަނގަޅު ކަމަށާއި ނަމަވެސް އެ ބަދަލުތައް އަދި ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ ނައިބް ރައީސް ޑރ. ޖަމީލް މިއަދު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ދެއްކެވި ވާހަކަފުޅަކީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޖަމީލް އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދުފުޅެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ޑރ. ޖަމީލަކީ ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެ ހުންނެވި އަދި ވޭތުވެދިޔަ ހަތަރު ސަރުކާރުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ހައްގުތައް ގެއްލިގެންދާ މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ޖަމީލަށް އެނގިވަޑައިގަންނަވާނެ ހައްގުތައް ގެއްލިގެންދާ މިންވަރާއި ކަންކަން ހަމައިން ގެއްލޭ މިންވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އިޝާރާތް ކުރައްވައި ރައީސް ނަޝިދު ވިދާޅުވީ "ހެޔޮގޮތުގައި ވެރިކަން ކުރުމާއި ގައުމު ތަރައްގީވުމަށް ސިޔާސީ ޕާޓީވަރަށް މުހިންމު" ކަމަށެވެ. ސިޔާސީ ޕާޓީ ތަރައްގީ ކުރުމުގެ މަސައްކަތަކީ އެމްޑީޕީން ވަރަށް ކުރިން ވެސް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެމްޑީޕީ ހަރުދަނާވި ވަރަކަށް ވާދަވެރިން ދިޔައީ އެމަސައްކަތް ކުރަމުންކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މިހިފެހެއްޓޭ މިންވަރަށްވެސް ރައްޔިތުންގެ ހައްގުތަކާއި އަދި ތަރައްގީގެ މަސައްކަތްތައް އަދި މި ވެރިކަމުގެ ވައްޓަފާޅިއާއި ވެރިކަމުގެ ބައްޓަން މި ހިފެހެއްޓެމުން މިދަނީ އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ޕާޓީތައް ބިނާވެފައި އޮތީތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.