29 Nov 2014, 15:09
މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ހިންނަވަރުން ފުލުހުން ހައްޔަރުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން މިމަހުގެ 19ވަނަ ދުވަހު ކަމަށެވެ.
"ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން އިތުރަށް މައްސަލަ ތަހުގީގުކުރުމަށް ނުފެންނާތީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުން މިހާރުވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުސް މީހާގެ އިތުރުން އަށް މީހަކު ފުލުހުންވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައެވެ. އެ ނުވަ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ޅ. އަތޮޅުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެންނަކީ ވެސް 18 އަހަރުން މަތީ މީހުން ކަމަށާއި އެމީހުންގެ ތެރޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އޮޕަރޭޝަންގައި ބުލެޓް ސައިޒުގެ 16 ރަބަރު ޕެކެޓާއި މަސްތުވުމަށް ބޭނުންކުރާ 145 ތެޔޮ ޕެކެޓްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.