ގިނަ މުދާތަކެއް އެއްތަނަކުން ވިއްކުމަށް ބާއްވަމުން އަންނަ ވިޔަފާރީގެ ބޮޑު އީދެއް ކަމަށްވާ "ނައިޓް މާކެޓް" މި ފެށޭ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ނައިޓްމާކެޓް އިންތިޒާމުކުރާ ގޯމީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު މިއަދު ވިދާޅުވީ، ރޯދަމަހާ ދިމާކޮށް ބާއްވާ ނައިޓްމާކެޓްގެ އިތުރުން ބޮޑު ޗުއްޓީ އާ ދިމާކޮށް ވެސް މާކެޓެއް ބާއްވަން ވަރަށްގިނަ ވިޔަފާރިވެރިން އެދެމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހު ބާއްވާ ނައިޓް މާކެޓްގައި ވެސް އަގުހެޔޮކޮށް ގިނަ މުދާތަކެއް ލިބެން ހުންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އޭގެ އިތުރުން މި ދުވަސްވަރަކީ އަތޮޅުތެރެއިން ވެސް ގިނަ ރައްޔިތުންތަކެއް މާލެއަށް އަންނަ ދުވަސްވަރަކަށްވާތީ، ގިނަ މުދާ ތަކެއް އެއްތަނަކުން، ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ ވެސް މި ނައިޓް މާކެޓްގެ އެންމެބޮޑު އެއް ބޭނުން ކަމަށް އާމިރު ވިދާޅުވި އެވެ.

އެގޮތުން ނައިޓްމާކެޓްގައި ޖުމްލަ 450 މޭޒު ހިމެނޭ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި 48 ޓެންޓާއި ވަގުތުން ތައްޔާރުކުރާ ކާއެއްޗެހި ކެއުމަށް ހާއްސަ ހަތަރު ކެންޓީން ހުންނާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

"އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރުގައި ތަފާތު ގިނަ ވައްތަރުގެ މުދާ ވިއްކުމަށް ގިނަ ވިޔަފާރިވެރިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ސާމާނުން ފެށިގެން ދިރޭ މަހާއި ކުޑަކުދިން ކުޅޭ އެއްޗިއްސާއި އަންނައުނާއި ފައިވާން ފަދަ ތަކެތި ވިއްކުމަށް ވިޔަފާރިވެރިން ދަނީ ތައްޔާރުވަމުންނެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުޅުވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް ކުރިއަށް ދާނީ ޑިސެމްބަރު މަހު ތިންވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.