ސޮނީ ހާޑުވެއާގެ ފިހާރައަކުން ރޭ ވައްކަން ކުރިކަމަށް ދެކެވޭ ވާކަތަތައް ސޮނީ ހާޑުވެއާއިން ދޮގުކޮށްފިއެވެ.

ސޮނީހާޑުވެއާގެ ޕްރޮމޯޝަންސް އެންޑް މާކެޓިން އެކްޒެކްޓިވް އަހްމަދު އަންވަރު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނީގެ ޔުނީފޯމު ލައިގެން ހުރެ އެކުންފުނީގެ ފިހާރައަކުން ރޭ ވައްކަންކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް ކަމަށެވެ.

"ސޮނީ ހާޑުވެއާގެ ޔުނީފޯމް ލައިގެން ސޮނީހާޑުވެއާގެ ފިހާރައަކުން ވައްކަން ކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގުވާހަކަތަކެއް. ވައްކަން ކުރި ކަމަށް ބުނާ ގަޑިއަކީ 12:15. އެގަޑީގައި ފިހާރަ ތައް ވަނީ ބަންދުކޮށްފައި،" އަންވަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ޔުނީފޯމެއް ލައިގެން ވައްކަން ކުރި ކަމަށް ވާހަކަތައް ފަތުރަމުންދާއިރު، އެކުންފުނީގެ ޔުނީފޯމެއް ގެއްލިފައިވެސް ނުވާ ކަމަށެވެ. އަދި އެކުންފުނީގެ އެއްވެސް ފިހާރައަކަށް އެއްވެސް ގެއްލުމެއްދީފައިނުވާ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

ސަން އަށް މައޫލާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާޑުވެއާގެ ފިހާރައަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ރޭ 12:15 ކަންހާއިރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.