29 Nov 2014, 14:32
ގާނޫނު އަސާސީ މާނަކުރުމުގައި ތަހުގީގު ކުރާ ފަރާތްތަކުގެ އަތްތައް ބަނދެވިފައިވާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި ފެށި މަހާސިންތާ ހުޅުވުމުގެ ރަސްމިއްުޔާތުގެ ސަރަފްވެރި މެހެމާނުގެ ގޮތުގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ، ގާނޫނު އަސާސީ މާނަކުރުމުގެ އެކިއެކި މަރުހަލާތަކުގައި ރާއްޖޭގެ ތަހުގީގު ކުރާ ފަރާތްތަކަށް ލިބިދީފައިވާ ބާރުތައް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.
"އެކި މަރުހަލާތަކުގައި ގާނޫނު މާނަކުރުމުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒުކުރާ ފަރާތްތައް މިވަނީ މި ހުރިހާ މާއްދާތަކެއްގެ ލަފްޒީ މާނާއާ އެކު ލިބިދީފައިވާ ބާރުތައް ހަނިވެފައި،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ، އެތަކެއް ބޮޑެތި ކުށްތަކެއްގެ މައްސަލަތަކުގައި ހިމެނޭ މީހުން ތަހުގީގު މަރުހަލާގެ ތެރެއިން ނުވަތަ ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެންދާ ކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޖިނާއީ މައްސަލައެއްގައި ހައްޔަރުކުރެވޭ ކޮންމެ މީހަކަށް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް ތަހުގީގު ކުރިއަށް ގެންދިއުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވާނަމަ ވަކީލަކާ ނުލައި ވެސް ކުރިއަށް ގެންދިއުގެ ފުރުސަތު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަކީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކި ހާލަތެއްގައި ވަކީލެއްގެ ފުރުސަތު ހިފެހެއްޓުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލު ކުރަމުން ގެންދާ އަދި ގާނޫނު ވެސް ތަންދޭ ކަމެއް ކަމަށެވެ. އެހެން ކަމުން މި މަހާސިންތާގައި ގާނޫނު މާނަކުގައި ހުރި އެފަދަ މައްސަލަތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
"ކުށްތަކުން ސަލާމަތްތެރި މުޖުތަމައުއެއް ގާއިމްކުރުން. އެހެންވީމަ އެކަމަށްޓަކައި ގައުމުތަކުގައި އަމަލްކުރާ އުސޫލުތަކުގެ ތެރޭގައި ހެކި ނައްތާލާނެ ކަމުގެ ބިރު އޮތުން، ހެއްކަށް ހުރަސްއަޅާފާނެ ކަމުގެ ބިރު އޮތުން، މައްސަލަ އާއި ހައްޔަރުކުރެވުނު މައްސަލައާ ގުޅުންހުރި އެހެން ހެއްކަށް ނުފޫޒު ފޯރުވުން ނުވަތަ އެއާ ގުޅުން ހުރި މުދާ ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބިރު އޮންނަ ހާލަތްތަކުގައި ވަކީލެއްގެ އެހީތެރިކަން ވެސް ވަކި މިންވަރަކަށް ވަކި ގަޑިއިރަކަށް ހިފެހެއްޓުމުގެ ބާރު ކުރިއަރާފައިވާ ގައުމުތަކުގެ ގާނޫނުތަކުގެ ތެރޭގައި ދީފައިއެބަވޭ،" ޖަމީލް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ނޫނީ އެހެން އިއުތިރާފްތަކަކީ ހެއްކެއް ކަމުގައި ބެލެވިގެން ނުވާނެ ކަމަށް ބުނެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މަޖުބޫރުކޮށްގެން ބަޔާން ހޯދައިގެން ނުވާނެ ކަމަށާއި އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީއަތަށް ގަބޫލްކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ގާނޫނު އަސާސީ މާނާކުރުމުގައި ކުރިއަރާފައިވާ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލްކުރަމުން އަންނަ އުސޫލުތައް ދެނެގެންނަން ޖެހޭ ކަމަށް ވެސް އެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމަށް ރައްޔިތުން ގެންްނަން ބޭނުންވި ބަދަލުތައް އައިސްފައިވާ ކަމާށާއި ނަަމަވެސް އެ ބަދަލުތައް ފުރިހަމަ ކުރުމުގައި ގިނަ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގޭ ގާނޫނު ނިޒާމުން ރާއްޖެއަށް ގެނެވުނު ނިޒާމު ކިތަންމެހާ ވެސް ފުރިހަމަ، ކިތަންމެ ހާވެސް ރަނގަޅު، އެހެން ނަމަވެސް އެ ބަދަލުތައް އެންމެ ރަނގަޅަކަށް ފުރިހަމައެއް ނުވޭ. ރާއްޖެއަށް ގެނެވުނު ބަދަލުތައް ފުރިހަމަ ކުރުމުގައި ގިނަ ފަރާތްތަކުން މިވަނީ އިހުމާލުވެފައި. މިއަދު މުޖުތަމައު ވަނީ މާޔޫސްވާން ފަށައިފައި. ގާނޫނުގެ އިތުބާރާއި ޝަރުއީ ނިޒާމަކުން ފޯރުކޮށްދޭންޖޭހޭ ރައްކާތެރިކަމާ މެދު ގިނަ ރައްޔިތުންތަކެއް ވަނީ ސުވާލުކުރަން ފަށައިފައި،" ޖަމީލް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހާއި ތަހުގީގު ކުރާ ފަރާތްތަކާއި ގާނޫނު ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކުރުމަށާއި ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމަށް އިސްކަން ދީގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.