ދެހާސް ބާރަ ވަނަ އަހަރު ރާއްޖޭގައި ހިނގި ހުޅުޖެހުމުގެ ހާދިސާއާ ގުޅޭ މައްސަލަތައް ބައްލަވަނި އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަނި ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިނގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން އެ ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލަތައް ތިން ގާޒީއަކު ބައްލަވާ ކަމަށެވެ. އެއީ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އިތުރުން ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުޖެހުމުގެ ހާދިސާއާ ގުޅިގެން މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ތިން ގާޒީ އަކު ބައްލަވާ. އެއީ އިސްގާޒީ އަބްދުﷲ މުހައްމަދު އާއި ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒު. އެހެންކަމުން އެ ދުވަހު ހިނގައިދިޔަ ހުޅުޖެހުމުގެ ހާދިސާތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ބައްލަވަނީ އިސް ގާޒީ އެކަނި ކަމަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ތެދުވާހަކަތަކެއް ނޫން ކަމުގައި ދަންނަވަން،" މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެހިގެންދަނީ ވަކި ތަރުތީބަކުން ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ކަމަށާއި އެހެންނަމަވެސް ކޯޓަށް ހުށަހެޅޭ މައްސަލަތައް ގާޒީންނަށް ބެހާލަނީ ހުރިހާ ގާޒީންގެ މެދުގައި މަޝްވަރާ ކުރެވި ވަކި ތަރުތީބަކުން ކަމަށެވެ.

"މި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަހާލެވިގެންދަނީ ގާޒީންގެ މެދުގައި މަޝްވަރާ ކުރެވި ވަކި ތަރުތީބަކުން،" މަނިކު ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން އެތައް ބައެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ކޯޓުތަކާ ބެހޭ ގާނޫނު ބުނާގޮތުން 18 އަހަރުން މަތީގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވަނީ ހަމައެކަނި ކްރިމިނަލް ކޯޓަށެވެ.

ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓާއި އެރަށު ޕޮލިސްޓޭޝަނާއި އެތަނުގައި ހުރި އެންމެހައި ވެހިކަލްތަކުގައި ހުޅުޖެހި މައްސަލައާ ގުޅިގެން 89 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.
އެހެންނަމަވެސް ދައުލަތުގެ ވަކީލު ކޯޓުން އަންގާ ގޮތުގެމަތިން ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެ އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އަދި އޭގެފަހުން އެ މައްސަލަ އަލުން ހުށަހެޅުމުން ވެސް އެ ކޯޓުން މައްސަލަ ބަލައެއް ނުގަތެވެ. އެ މައްސަލަ ބައްލަވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫ މައްސަލަ އެ ކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދެން އެ ކޯޓަށް ބަލައިގަންނާނީ ހައިކޯޓުން ކަނޑައަޅާ ގޮތަކަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.