29 Nov 2014, 14:23
ރިޝްވަތު ހިފިކަމަށް ބުނެ އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް އެލްބާޓޯ ކޮލާޝިއޯ ތިން އަހަރު ދުވަހަށް ފުޓްބޯޅަޔާ ބެހޭ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މުއައްސަސާގެ އެތިކްސް ކޮމިޓީން އޭނާ ސަސްޕެންޑް ކޮށްފައި ވަނީ 2009 ގައި ބޭއްވި އެ މުއައްސަސާގެ އެކްސްކޯ މެމްބަރުން ހޮވުމުގެ އިލެކްޝަންގައި މުހައްމަދު ބިން ހަންމާމްގެ ފަރާތުން ރިޝްވަތު ހިފާފައި ވާތީ ކަމަށެވެ.
އެ މުއައްސަސާއިން ބުނިގޮތުގައި 2009 ގައި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި މި ވޯޓުގައި އިންޑިއާގެ ފަރާތުން ވޯޓުލާ މެންބަރެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ އެލްބާޓޯ އެވެ. އަދި އެފަހަރު ރިޝްވަތު ހިފުމުގެ އިތުރުން އޭނާ ފީފާގެ އެހެނިހެން ގަވައިދުތަކަކާވެސް ހިލާފުވާފަދަ އަމަލުތަކެއް ހިންގާފައި ވާކަމަށް ފީފާގެ ބަޔާނުގައި ވެއެވެ.
އެފަހަރުގެ އިލެކްޝަނުގައި ހަންމާމަށް 23 ވޯޓު ލިބުނު އިރު، އެ އިލެކްޝަނުގައި އޭނާއާ ވާދަކުރި ޝޭޙް ސަލްމާން ބިން އިބްރާހިމް އަށް ލިބުނީ 21 ވޯޓެވެ. މި އިލެކްޝަންގައި މި ދެފަރާތުންވެސް ރިޝްވަތު ދިން ކަމުގެ ވާހަކަތައް ފެތުރުނު އިރު، ސަލްމާނަށް އެކްސްކޯ މެންބަރުކަން ލިބިފައި ވަނީ 2013 ގެ އިލެކްޝަނުގައެވެ.
ފީފާގެ އެކްސްކޯއަށް 2009ގައި ހޮވުނު ހަންމާމް ވަނީ 2013ގެ އިލެކްޝަންގެ ކުރިން ފީފާގެ ދަށުން ހިންގާ އޭޝިއަން ފުޓްބޯލް ފެޑަރޭޝަންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.