ނެސްކެޕޭ ބްރޭންޑުގެ ދެ ޕެކެޓް ކޮފީ ވަގަށްނެގި ދެ މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މ. ރަތީގާއާގޭ މުހައްމަދު މާހިދު އާއި ހަމައެގޭ އަބްދުﷲ ހާމިދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ 8:14 އެހައިކަންހާއިރު ވުނަދާނަ ފިހާރައިން ނެސްކެޕޭ ބްރޭންޑްގެ ކޮފީ ޕެކެޓެއް ވަގަށް ނެގުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުވާއަށް އިންކާރުކުރިނަމަވެސް، އެ ކޮފީ ޕެކެޓުތަކަށް ފައިސާ ނުދައްކައި ހިފައިގެން ގޮސްފައިވާކަން ދެ މީހުންގެ ބަހުން ވެސް އެނގެން އޮންނަ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކަށް ބަލާއިރު ވައްކަންކުރުމުގެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ މިއީ އެ ދެ މީހުންގެ މައްޗަށް ވެސް ވައްކަންކުރުމުގެ ކުށް ސާބިތުވި ތިން ވަނަ ފަހަރު ކަމަށެވެ.