29 Nov 2014, 12:43
މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އެލަމްނައި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމެއް މިއަދު ފަށައިފި އެވެ.
ތެލެސީމިއާ ސެންޓަރުގައި މިކަމަށްޓަކައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެމްއީއެސްގެ ކުރީގެ ގިނަ އިސްދަރިވަރުންތަކެއް ވަނީ ބައިވެރިވެ ލޭ ހަދިޔާ ކޮށްފައި އެވެ.
ލޭ ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއީއެސްގެ ކުރީގެ ދަރިވަރު އަދި މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ، އެމްއީއެސްގެ އެލަމްނައި އިސްނަގައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ތެލެސީމިއާ ކުދިންނަށް ކޮށްދެވޭ އިޖްތިމާއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި ތެލެސީމިއާ ކުދިންނަށާއި ލޭ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަކީ ފަރުދީ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ދިވެހިރާއްޖޭގައިވެސް ދުވަހެއް ދުވަހަކަށް އަންނަނީ ތެލެސީމިއާ ކުދިންވެސް ގިނަވަމުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ ފެންވަރުގައިވެސް އަޅުގަނޑުމެން މިފަދަ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ،" މުހުތާޒް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއީއެސްގެ ކުރީގެ ދަރިވަރު އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ލޭ ހަދިޔާ ކުރުމަކީ މީހެއްގެ ނުވަތަ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭ ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. ލިބިފައިވާ ގާނޫނީ އިމުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓަށް ބޭނުންވާ ހަރަދު ލުއި ފަސޭހަ ގޮތަކަށް ކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތެލެސީމިއާ ކުދިންނަށް ބޭނުންވާ އެއްބާރުލުން މިހާރު މިއޮންނަަ ގާނޫނީ އިމުގެ ތެރެއިން. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ބޯން މެރޯ ޓްރާންސްޕްލާންޓަށް ބޭނުންވާ ހަރަދު ކުރިއަށް އޮތް ތާނގައި ފަސޭހަ ގޮތަކަށް ހަމަޖެހިގެންދާނެ ނިޒާމެއް ގާއިމްކުރުމަށް، " ހުސައިން ރަޝީދު ވިދާޅުވި އެވެ.
އެމްއީއެސްގެ އެލަމްނައި އެސޯސިއޭޝަނުން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި ޕީޖީ މުހުތާޒް މުހުސިންއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއާއި އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވަނީ ލޭ ހަދިޔާ ކުރައްވައިފައެވެ.
އެމްއީއެސް އެލަމްނައި އެސޯސިއޭޝަނުން ވަނީ މީގެ ކުރީ އަހަރުތަކުގައި ވެސް މިފަދަ ޕްރޮގްރާމްތައް ހިންގާފައި ވެއެވެ.