މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ގަތް ފަސް މިލިއަން ޑޮލަރަށްވާ (77.1 މިލިއަން ރުފިޔާ)، ދައްކަންޖެހޭ ތާރީހުގައި ދައްކާފައިވާކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެ ކުންފުނިން ފަސް މިލިއަން ޑޮލަރުގަތުމަށް އެމްއެމްޕީއާރްސީއަށް ދައްކަންޖެހޭ ފައިސާ އެ އެއްބަސްވުމުގައިވާ ތާރީހުގައި ދައްކާފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ މެދުގައި ވެވިފައިވާ އެފަދަ އެއްބަސްވުންތަކާ ގުޅޭގޮތުން އޮޅުން އަރާގޮތަށް ވާހަކަ ނުދެއްކުމަށް އެދޭކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެ އޮފިޝަލް ނުދެއްވައެވެ.

މިދިޔަ މަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ގަތުމުގައި އެމްއެމްޕީއާރްސީން ހިންގި މުއާމަލާތުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފަސް މިލިއަން ޑޮލަރު ގަތުމަށް އެމްޕީއެލުން އެމްއެމްޕީއާރްސީއަށް ހަވާލު ކުރި 77.1 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ޑޮލަރަށްވާ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެއް މިލިއަން ޑޮލަރުގެ ލޯނެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އާއިލީ މަންފާ އޮންނަ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްޕީއެލަށް ފަސް މިލިއަން ޑޮލަރު ވިއްކުމަށާއި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނު ނަގަން އެމްއެމްޕީއާރްސީން ނިންމާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައަކާ ނުލައި ކަމަށެވެ. އަދި އެ ކުންފުނިން ޑޮލަރު ވިއްކުމަށާއި ލޯނު ނެގުމުގެ މުއާމަލާތުގައި ހަރަކާތްތެރިވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ކަމަށް ރިޕޯޓުގައިވެ އެވެ.