29 Nov 2014, 12:09
ފެން ޕަންޕެއް ވަގަށް ނެގި މީހަކު ހަ އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
މ. ރޭއަލިވޭގޭ އަހްމަދު ނަވްޝާދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:20 އެހައިކަންހާއިރު މ. ޕާނިޝްވިލާގޭގައި ހުރި ފެންޕަންޕެއް ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ވައްކަންކުރުމުގެ ދައުވާއަށް ނަވްޝާދު އިންކާރު ކުރިނަމަވެސް، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން އޭނާ ވައްކަންކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ ވައްކަންކުރުމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފަސް ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.