29 Nov 2014, 11:58
ޔޫރިނަރީ އިންފެކްޝަނަކާ ގުޅިގެން ހާލު ބޮޑުވެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، މިހާރު އުމުރުން 74 އަހަރުގެ ޕެލޭ، މިދިޔަ ހޯމަދުވަހު ސައޮ ޕޯލޯގެ އެލްބަޓް އެއިންސްޓަން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މައި ބަދައިގެ ތިރީގައި ވޭންއަޅާތީ "ކްލިނިކަލް އިންސްޓެބަލިޓީ"ގެ ސަބަބުންނެވެ.
ޕެލޭގެ ސިއްހީ ހާލަތާ ބެހޭގޮތުން އެލްބަޓް އެއިންސްޓަން ހޮސްޕިޓަލާ ހަވާލާދީ އޭޕީގައި ބުނެފައިވަނީ، ޕެލޭގެ ކިޑްނީ ފަރުވާއަށް އެންޓިބައޮޓިކް ދޭންފެށި ފަހުން، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު އެއްވެސް އުނދަގުލަކާ ނުލައި ނޭވާލައި، އާދައިގެ މަތިން ކައިބޮއި ހަދަމުން އަންނަ ކަމަށެވެ.
"ޕެލޭގެ ސިއްހީ ހާލު ރަނގަޅުވަމުން އަންނަނީ،" ހޮސްޕިޓަލުގެ ރިޕޯޓާ ހަވާލާދީ އޭޕީން ބުންޏެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް 1958، 1962 އަދި 1970 ވަނަ އަހަރު ކާމިޔާބުކުރި ބްރެޒިލްގެ ފުޓްބޯޅަ ޓީމުގައި ހިމެނުނު ޕެލޭއަށް ޔޫރިނަރީ އިންފެކްޝަނެއްގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ، މިމަހުގެ 13 ވަނަ ދުވަހު "ހިލަކޮޅެއް ނެގުމަށްޓަކައި" ކިޑްނީ އޮޕަރޭޝަނެއް ކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.
ޕެލޭގެ ޕާސަނެލް އެޑްވައިޒަރ، ހޯޒޭ ފޯނޯސް ރޮޑްރިގޭޒް، ހުކުރު ދުވަހު ހާމަކުރި ގޮތުގައި ޕެލޭ ފުޓްބޯޅަ ކުޅުނު ދުވަސްވަރުވެސް އޭނާގެ ހުންނަނީ އެއް ކިޑްނީއެވެ. ނަމަވެސް އޭގެ ސަބަބުން މިހާރު އޭނާއަށް ފަރުވާދިނުމުގައި އިތުރު މައްސަލަތަކެއް ދިމާ ނުވާކަމަށް އޭނާ ބުންޏެވެ. ޕެލޭގެ އެއް ކިޑްނީ ނަގާފައިވަނީ، އަރިކަށީގެ ކަށިގަނޑެއް ބިންދައިގެން ދިޔަ ހާދިސާއަކާ ގުޅިގެން 1970 ވަނަ އަހަރު އެވެ.
"އޭނާ ވަނީ މީގެ އެތަކެއް އަހަރު ކުރިން ކިޑްނީ ނަގާފައި. އެހެން ކަމުން އޭނާގެ ހަށިގަނޑު ހުންނަނީ އެކަމަށް ހޭނިފައި، އެއީ މާބޮޑު މައްސަލައަކަށް ނުވޭ،" ރޮޑްރިގޭޒް ބުންޏެވެ.
ބުރާސްފަތި ދުވަހު، ޕެލޭ އޭނާގެ ޓްވިޓާގައި ލިޔެފައިވަނީ، އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ކުރިއަށް އޮތް ބަންދު ދުވަސްތައް އާއިލާއާ އެކު ހޭދަކުރުމުގެ އުންމީދުގައި ހުރި ކަމަށެވެ.
ޕެލޭ ވަނީ، އޭނާގެ 21 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 1363 މެޗުން 1281 ލަނޑު ކާމިޔާބުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ. ފީފާއިން ހޮވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕެލޭ ވަނީ، ބްޒިކްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 91 މެޗުގައި ޖުމުލަ 77 ލަނޑު ކާމިޔާބުކޮށްފައެވެ.
ޕެލޭ ވަނީ، ވޯލްޑް ކަޕްގައި 14 މެޗު ކުޅެ އެ މުބާރާތުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފީފާ ގޯލްޑަން ބޯލް އެވޯޑް ޕެލޭ ހާސިލްކޮށްފައި ވެއެވެ.