29 Nov 2014, 11:23
ދުނިޔޭގައި އެންމެ ގިނަ ލަނޑު ޖެހި ގޯލްކީޕަރުގެ މަގާމް ހާސިލްކޮށްފައިވާ ބްރެޒިލްގެ ރޮގޭރިއޯ ސެނީ، ރިޓަޔާ ކުރުން ފަސްކޮށް ފުޓްބޯޅަ ކުޅުމުގެ ރޮގުން އަދިވެސް ކުރިއަށް ދާން ނިންމައިފި އެވެ.
ބްރެޒިލްގެ ކްލަބެއް ކަމަށްވާ ސައޮޕޯލޯ އެފްސީއަށް ކުޅެމުން އަންނަ ސެނީ، ރިޓަޔާ ކުރުން ފަސްކޮށްފައި ވަނީ އޭނާގެ ކްލަބްގެ ރައީސް ކާލޮސް މިގުއޭލާގެ އެދުމުގެ މަތިންނެވެ. މިގުއޭލާ ބުނީ، އޭނާ ސެނީ ކައިރީ ރިޓަޔާ ކުރުން ފަސްކުރުމަށް އެދިފައި ވަނީ އަންނަ އަހަރުގެ ކޮޕާ ލިބަޓެޑޯސް މުބާރާތުގައި ކްލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.
"އަހަރެން ސެނީ އާއި ބައްދަލުކުރީ ބުރާސްފަތި ދުވަހުގެ ރޭ ކްލަބްގެ ޓްރޭނިންގް ސެންޓަރުގައި. އޭނާ ކައިރީ މި ކްލަބުގައި މަޑުކޮށްދިނުމަށް އެދުނިން. އޭނާ އެކަމަށް އެއްބަސްވާން ތިން މިނެޓުވެސް ނުނަގާ،" މިގުއޭލް ބުންޏެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި 42 އަހަރު ފުރޭ ސެނީ 2013ގެ ސީޒަން ނިންމާލުމަށް ފަހުވެސް ރިޓަޔާ ކުރަން ނިންމި އެވެ. އޭނާ ވަނީ އެފަހަރުވެސް ރިޓަޔާ ކުރުން ފަސްކޮށްލާފައެވެ. އަދި އޭނާ ބުނެފައި ވަނީ އަންނަ އަހަރުގެ ކޮޕާ ލިބަޓެޑޯސްއަށް ފަހު ރިޓަޔާ ކުރާނެ ކަމަށެވެ.
ކޮޕާ ލިބަޓެޑޯސް ކާމިޔާބު ކުރެވިއްޖެ ނަމަ 2015ގެ ކްލަބް ވޯލްޑް ކަޕަށް ސައޮޕޯލޯ ކޮލިފައި ވާއިރު، ކްލަބްގެ ރައީސް މިގުއެލް ބުނީ ކްލަބް ވޯލްޑް ކަޕަށް ޓީމް ކޮލިފައި ވެއްޖެ ނަމަ އޭނާ އަދިވެސް ޓީމުގައި މަޑު ކުރާނެ ކަމަށެވެ.
މިހާ ތަނަށް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މުޅިއެކު 123 ލަނޑު ކާމިޔާބު ކުރި ސެނީ އޭގެތެރޭން 61 ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީ ޖަހައިގެނެވެ. މީގެ ކުރިން މި ރެކޯޑް ހާސިލްކޮށްފައި ވަނީ ކެރިއަރުގައި މުޅިއެކު 62 ލަނޑު ކާމިޔާބު ކުރި ޕެރަގުއޭގެ ކީޕަރު ހޯޒޭ ލުއިސް އެވެ.
ސެޓްޕީސް ތަކުގެ މާހިރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސެނީ ވަނީ މީގެ އިތުރުން އެންމެ ގިނަ ކާމިޔާބީތައް ޓީމަކަށް ހޯދަދިން ކުޅުންތެރިޔާގެ ރިކޯޑްވެސް މިދިޔަ މަހު މުގުރާލާފައެވެ. މި ރިކޯޑް މީގެ ކުރިން ހާސިލް ކުރި މެންޗެސްޓާ ޔުނައިޓަޑްގެ ރަޔަން ގިގްސް އޭނާގެ ކްލަބަށް 589 މެޗު ކާމިޔާބު ކޮށްދީފައި ވާއިރު، ސެނީ ވަނީ މިދިޔަ އޮކްޓޯބަރު ފަހުކޮޅު ސައޮޕޯލޯއަށް 590 މެޗު ކާމިޔާބު ކޮށްދީފައެވެ.