29 Nov 2014, 10:45
އަންކަރާ (ނޮވެމްބަރު 29): ދުނިޔޭގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާއި އަދި މުސްލިމުންނާ މެދު ނުރުހުމާއި ނަފްރަތު އުފެއްދުމަށް ހިންގަމުން ގެންދާ ޕްރޮޕަގެންޑާ ތަކާމެދު ދެރަވެ ހިތާމަކޮށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ނަޞާރާ ދީނުގެ އެންމެ އިސް ޕޯޕް ފްރާންޝިސްކޯއާ އަންކަރާގައި ބައްދަލު ކުރެއްވުމަށްފަހު އުރުދުޣާން ވިދާޅުވީ، މުސްލިމުން ނިކަމެތި ކުރުމާއި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ފަރާތްތަކުގެ ތެރޭގައި ޣައިރު މުސްލިމުންނާއި މުސްލިމުންގެ ނަމުގައި ތިބި ފަރާތްތައްވެސް ހިމެނޭކަމުގައެވެ. އަދި މުސްލިމުންނާ މެދު ނުރުހުމާއި ނަފްރަތު އުފެއްދުމަށް ހިންގަމުން ގެންދާ ޕްރޮޕަގެންޑާތަކުގެ އެންމެ ބޮޑު މަސްދަރަކީ ހުޅަނގުގެ ޕޮރޮޕަގެންޑާ މެޝިންތައް ކަންވެސް އުރުދުޣާން ފާހަގަ ކުރެއްވި އެވެ.
މުސްލިމުންނާ ދެކޮޅަށް ޓެރަރިސްޓް ހަރަކާތްތަކާއި އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ފަރާތްތަކުގެ ތެރޭގައި އިސްރާއީލޭ ކިޔާ ޔަހޫދީ ގައުމާއި ސީރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމާއި އިރާގާއި ސޫރިޔާގެ ބޮޑުބައެއްގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ނައިޖީރިޔާގެ ބޯކޯ ހަރާމް ޖަމާއަތާއި އަލްގާއިދާފަދަ ޖަމާއަތްތައް ހިމެނޭކަން އުރުދުޣާން ފާހަގަ ކުރެއްވި އެވެ.
އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ ވެރިކަމުގެ ނިޒާމާއި ބައްޝާރުގެ ވެރިކަމުގެ ނިޒާމަކީވެސް ޓެރަރިސްޓް ދެ ނިޒާމު ކަމުގަ އެވެ. މިދެ ނިޒާމުގެ ނުރައްކާތެރިކަން އައިއެސް އާއި ބޯކޯ ހަރާމު ޖަމާއަތުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަރަކާތްތަކަށްވުރެ ބޮޑުވެފައި ފުޅާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާންގެ ވާހަކަފުޅަށްފަހު ޕޯޕް ފްރާންޝިސްކޯ ވިދާޅުވީ، ސަމާވީ ތިން ދީން ކަމަށްވާ ޔަހޫދީ ދީނާއި ނަޞާރާ ދީނާއި އަދި އިސްލާމް ދީނުގެ އިލްމުވެރިންގެ މެދުގައި ވާހަކަތައްދައްކައިގެން މިމައްސަލަތައް ހައްލުކުރަންޖެހޭ ކަމުގައެވެ. ޕޯޕް އިއްޔެވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ތުރުކީއަށް ވަޑައިގެން އުރުދުޣާން އާ ބައްދަލުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)