29 Nov 2014, 10:37
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އަންހެންމީހާ 22 ގަޑިއިރު ފަހުން މިފަހަރުވެސް އެރަށު ވަލު ތެރެއިން ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ އެރަށު ފިލިގަސްދޮށުގޭ އުމުރުން 46 އަހަރުގެ ހައްވާ ގާސިމް އެވެ.
ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، އޭނާ ފެނިފައިވަނީ ދާދި ދެންމެ އަކު އެރަށު އިރުއުތުރު ފަރާތު ފުއްޓަރުގެ ވަލުތެރޭން ކަމަށެވެ. އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށްވެސް އަލީ ވިދާޅުވި އެވެ.
"އިއްޔެ 12 ޖަހާ ކަންހާއިރު އޭނާ ގެއްލުނީ. ދެން ނުކައި ނޫންތޯ ހުންނާނީ. އޭނާގެ ހާލު އެހާ ރަނަގަޅެއް ނޫން. މިހާރު ހޮސްޕިޓަލަށް ގެންގޮސްވީ،" އަލީ ވިދާޅުވި އެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ އަންހެން މީހާ ގެއްލިފައިވާއިރު އެއިން ކޮންމެ ފަހަރަކުވެސް އޭނާ ފެނިފައިވަނީ އެރަށު ވަލު ތެރޭންނެވެ.
އަލީ ވިދާޅުވީ، އެއަންހެން މީހާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.