29 Nov 2014, 10:27
ލ. ކަލައިދޫ ސްކޫލުގެ ލީޑިން ޓީޗަރަކު އެ ސްކޫލުގެ ދަރިވަރަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ކަލައިދޫ ކައުންސިލުން 'ސަން'އަށް މައުލޫމާތު ދިންގޮތުގައި، އެ ޓީޗަރު ހައްޔަރުކޮށްފައި ވަނީ އެރަށު ސުކޫލްގެ ބިއްދޮށު ވަލު ތެރޭގައި ރޭ 9:30 ކަންހާއިރު އެ ސްކޫލުގައި ކިޔަވާ 16 އަހަރުގެ ފިރިހެން ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކަމަށެވެ.
"އެކުއްޖާ ވަނީ ރޭ ފުލުހުންނަށް ބަޔާންވެސް ދީފައި. އެކުއްޖާ ބުނާގޮތުން މެސެޖްކޮށް މަޖުބޫރުކޮށްގެން ކޮންމެ ރެއަކު އެތަނަށް ގެންދަނީ. އެކުއްޖާ އެބަބުނޭ ޖިންސީ ގޯނާ ކުރިކަމަށް. އަދި އެކަން ކުރާތާ ތިން ވަރަކަށް މަސް ވެފައިވާކަމަށް ބުނަނީ،" ކަލައިދޫ ކައުންސިލުން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.
އެމައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުއްޖަކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 43 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ކަލައިދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަންއަށް އެނގިފައިވާގޮތުގައި އެ ޓީޗަރާ ގުޅޭގޮތުން މީގެ ކުރިންވެސް ވަނީ އެފަދަ މައްސަލަތަކެއް ފެންމަތިވެފައެވެ.
މީގެ ކުރިން އެރަށު ސުކޫލާ ހަވާލުވެގެން ހުންނެވި ޕްރިންސިޕަލަކު 'ސަން'އަށް މައުލޫމާތު ދިންގޮތުގައި ރޭ ހައްޔަރު ކުރި ޓީޗަރު، ސްކޫލުގައި ގެންގުޅޭ ކޮމްޕިއުޓަރުން އެއްޖިންސުން ގުޅުންހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލަނިކޮށް ވެސް ސްކޫލްގެ ބައެއް މުވައްޒަފުންނަށް ފެނިފައިވެއެވެ.