29 Nov 2014, 10:07
ސޮނީ ހާޑުވެއާގެ ޔުނީފޯމު ލައިގެން ހުރެ އެ ފިހާރައިން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާޑުވެއާގެ ފިހާރައަކުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ 12:15 ކަންހާއިރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެން މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ އެފިހާރަ ސަރަހައްދުންނެވެ. ސޮނީ ހާޑުވެއާއިން އެއްވެސް އެއްޗެއް ވަގަށް ނެގި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނީ ހާޑުވެއާގެ ޔުނިފޯމު ލައިގެން ހުރެ އެމީހާ އެ ފިހާރައިން ވައްކަން ކުރަން އުޅޭކަން އާންމުންގެ ބަޔަކަށް ފަޅާއެރުމާ ގުޅިގެން އެމީހާ އަށް ވަނީ އަނިޔާކޮށްފައެވެ. އަދި ފުލުހުންނާ އެމީހާ ހަވާލުކުރިއިރު އޭނާ ލައިގެން ހުރި ޓީޝާޓް ވެސް ވަނީ ބާލުވާފައެވެ.