29 Nov 2014, 10:04
އެމެރިކާގެ ފުލުހުން އެގައުމުގެ އާންމު ރައްޔިތުންނާ މެދު އަދި ހާއްސަކޮށް ކަޅުމީހުންނާ މެދު ހިންގަމުންގެންދާ އަނިޔާވެރިކަމާ ދެކޮޅަށް އދ. ން ވާހަކަ ދައްކައިފި އެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އަގެއިންސްޓް ޓޯޗަރ" އިން ބުނީ، އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގައި އެމެރިކާގެ ފުލުހުން އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ފަހަނަޅައި ގޮސްފައިވާއިރު އެމެރިކާ ފުލުހުން ހިންގާ އަނިޔާވެރި އަމަލުތައް ބަލައި ތަހުގީގުކޮށް އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާތަން ނުފެންނަ ކަމުގައެވެ.
އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ފުލުހުން ހިންގާ ކަމަށް އދ. ން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހައްޔަރު ކުރާމީހުންގެ ކިބައިން އިޢުތިރާފްތައް ހޯދުމަށްޓަކައި ކަރަންޓު ޖެއްސުމާއި ލަޓިބުރިން ޖެހުމާއި ހުތުުރުބަސްތައް ބޭނުން ކުރުމާއި ކަރުނަގޭސް ޖަހަން ނުޖެހޭ ހާލަތްތަކުގައިވެސް ކަރުނަގޭސް ޖެހުމާއި ބައިމަދު ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ އުސޫލުން އަމަލުކުރުން ހިމެނެ އެވެ.
އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދޮންނަސްލުގެ މީހަކު އެއްވެސް ސަބަބަކާ ނުލައި ގަސްދުގައި ބަޑިޖަހައި ކަޅުނަސްލުގެ ޒުވާނެއް މަރާލުމުންވެސް ދޮންމީހާ ކުށްވެރި ނުވާކަމަށް އެމެރިކާގެ ޝަރުއީ ދައިރާއިން ނިންމި ނިންމުމަކީ އެމެރިކާގެ ޝަރްއީ ދާއިރާގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭކަމެއް ކަމަށް އދ. ން ބުނެ އެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އަގެއިންސްޓް ޓޯޗަރ" އިން އެމެރިކާ ސަރުކާރަށް ގޮވާލީ، އަލުން މިމައްސަލަ ބަލައި ތަހުގީގު ކޮށް މަރާލެވުނު ކަޅުމީހާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށެވެ. މި މައްސަލާއާ ގުޅިގެން މިޒޫރީ ގެ ފާގަސަން ސިޓީގައި ހިނގަމުންދާ ހަމަނުޖެނުންތައްވަނީ އެމެރިކާގެ އެހެން ސްޓޭޓް ތަކަށްވެސް ފެތުރިފައެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ނެޝަނަލް ގާޑުންނާއި މިޒޫރީގެ ފުލުހުންވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެމެރިކާގެ މުޖްތަމައުގައި ވާ ނަސްލީ އިމްތިޔާޒާއި ތަފާތު ކުރުމާއި ބޭއިންސާފުގެ މައްސަލަތަށް މި ހާދިސާއާ ގުޅިގެންވަނީ ބޭޒާރުވެފައެވެ.
އެމެރިކާއަކީ އެހެންގައުމުތަކުގެ އިންސާނީ ހައްގުތަކަށް ފާޑުކިޔުމާއި އިންސާނީ ހައްގުތަކުގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ގައުމެކެވެ. ނަމަވެސް އެމެރިކާގެ އެތެރޭގެ އިންސާނީ ހައްގުތަކާއި ޝަރުއީ ނިޒާމުގެ ހާލަތު މިގޮތަށް ހުރިކަން ބޭޒާރުވުމުން އެކަމާމެދު ވާހަކަ ދެެއްކުމަށް އެމެރިކާ ސަރުކާރު ވަނީ ފަސްޖެހިފަ އެވެ. (ނޫސްއެޖެންސީތައް)