29 Nov 2014, 09:38
ހދ. ކުޅުދުއްފުށިން 46 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު އައިމަން މިއަދު 'ސަން'އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ އެރަށު ފިލިގަސްދޮށުގޭ އުމުރުން 46 އަހަރުގެ ހައްވާ ގާސިމް ކަމަށެވެ.
"އިއްޔެއިން ފެށީގެން އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ. އަދި އޭނާގެ ހަބަރެއް ވެފައެއް ނުވޭ،" އައިމަން ވިދާޅުވި އެވެ.
އޭނާ އަކީ ނަފްސާނީ މައްސަލައެއް ނުވަތަ ބަލި މީހެއްތޯ، ނޫނީ އޭނާއަށް އާއިލީ މައްސަލަތަކެއް ކުރިމަތިވެގެން އުޅޭތޯ ސުވާލުކުރުން އައިމަން ވިދާޅުވީ، "ތިއަށް ޖަވާބެއް ދޭކަށް ނޭނގޭ" ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ މީގެ ކުރިންވެސް ދެތިން ފަހަރަކަށް ގެއްލިގެން ހޯދާފައިވާ މީހެކެވެ. އޭގެ ތެރެއިން ބައެއް އޭނާ ފެނިފައިވަނީ އެރަށުގެ ވަލު ތެރެއިންނެވެ.