ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑަރޭޝަން (ބީބީއެފްއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި 14 ވަނަ ގައުމީ ބޮޑީ ބިލްޑިންގް ޗެންޕިއަންޝިޕްގައި "މިސްޓާ މޯލްޑިވްސް 2014" ގެ މަގާމް މުހައްމަދު ރަޝީދް (ރަޗޭ) ހާސިލްކޮށްފިއެވެ.

މިފަހަރުގެ މިސްޓާ މޯލްޑިވްސްގެ މަގާމަށް ފަސް ބޮޑީ ބިލްޑަރުން ވާދަކޮށްފައި ވާއިރު، ރަޗޭ އަށް މުބާރާތުގެ އެއްވަނަ ލިބިފައި ވަނީ ހުރިހާ ކެޓަގަރީތަކަކަށް ބެލުމަށް ފަހު އެވެ. މުބާރާތުގެ އެއްވަނަ މަގާމް ހާސިލް ކުރި ރަޗޭއަށް ބީބީއެފްއެމް ގެ ފަރާތުން ފައިސާގެ އިނާމްގެ ގޮތުގައި 35،000 ރުފިޔާ ވަނީ ދީފައެވެ. އޭނާއަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެ މުބާރާތުގައި ރަޗޭއާ ވާދަކޮށްފައި ވަނީ މުހައްމަދު މޫސާ އާއި މުހައްމަދު އިބްރާހީމާއި ހުޝާމް ހަމީދު އަދި ގިޔާސް އިބްރާހީމް އެވެ. ހުރިހާ ކެޓަގަރީއަކަށް ބެލުމަށްފަހު މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ މުހައްމަދު އިބްރާހީމް އެވެ. އޭނާއަށް ފައިސާގެ އިނާމްގެ ގޮތުގައި ބީބީއެފްއެމްގެ ފަރާތުން 15،000 ރުފިޔާ ދީފައި ވާއިރު، މުބާރާތުގެ ތިންވަނަ ހޯދި ހުޝާމް ހަމީދަށް 10،000 ރުފިޔާ ވަނީ ދީފައެވެ.

މުބާރާތުގައި މިސްޓާ މޯލްޑިވްސްގެ މަގާމަށް ވާދަކުރި 5 ބައިވެރިންނާ އެކު ޑިފެންސް މިނިސްޓަރު ނާޒިމް ---- ސަން ފޮޓޯ: ފަޔާޒު މޫސާ
މިފަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެނެވެ. އެއީ ފިޒީކް ކެޓަގަރީ އާއި ބޮޑީ ބިލްޑިންގް ކެޓަގަރީއެވެ. މުބާރާތުގެ ފިޒީކް ކެޓަގަރީއިން އެއްވަނަ ހޯދާފައި ވަނީ މަހްމޫދް ޒިޔާދު އެވެ. މީގެ އިތުރުން މުބާރާތުގެ ކެޓަގަރީތަކުގެ އެކިއެކި ބައިބައިން ވަނަ ހޯދި ފަރާތްތަކަށްވެސް މި ހަފްލާގައި ވަނީ ތައްޓާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިރޭ އޮލިމްޕަހުގައި ބޭއްވި އެ ހަފްލާގައި ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދް މަހްލޫފް އާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް އަހްމަދު މަރްޒޫގު ވެސް ބައިވެރިވެވަޑައިގަތެވެ.

މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ 1999 ގައެވެ. އަދި މިއީ މި މުބާރާތް ބޭއްވަމުން އަންނަތާ 15 ވަނަ އަހަރެވެ.