އަންނަ މަހު ޕާކިސްތާނުގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީއަށް ވާދަ ކުރަން ފުރާ ހޭންޑްބޯލް ޓީމްގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

މިރޭ ލެމަންގްރާސް ސިޓްރޮންގައި ބޭއްވި ހަފްލާއެއްގައި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމަށާއި ޓީމްގެ އޮފިޝަލުންނަށް ޖާޒީ ހާވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާނު އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. އެ ހަފްލާގައި ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް އިސްމާއިލް އާއި އެ އެސޯސިއޭޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިންނަވާފައި ވެއެވެ.

ގައުމީ ޓީމާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުމުގެ އިތުރުން ޓީމްގެ ފަރިތަކުރުންތަކަށް އެންމެ ފަރުވާތެރިވި ކުޅުންތެރިޔާ އަހުމަދު އިނާޝްއަށް މިރޭ ވަނީ އިނާމްދީފައެވެ.

އެ ހަފްލާގައި ޓީމްގެ ކެޕްޓަނާއި ވައިސް ކެޕްޓަން ވެސް ވަނީ އިއުލާންކޮށްފައެވެ. ގައުމީ ހޭންޑްބޯލް ޓީމްގެ ކެޕްޓަނަކަށް މިފަހަރު ހޮވިފައި ވަނީ މުހައްމަދު ފިރުނާޝް އެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކަށް ހޮވިފައި ވަނީ އަހްމަދު ސާއިފް އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ ހޭންޑްބޯލް އަކީ ރާއްޖެއަށް ވަރަށް އާ ކުޅިވަރެއް ކަމަށާއި، މި ކުޅިވަރު ރާއްޖޭގައި ދިރުވުމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި މިއީ ރާއްޖޭގެ ގައުމީ ހޭންޑް ބޯލް ޓީމް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވުމުން މިރެއަކީ އެ އެސޯސިއޭޝަނަށް ވަރަށް އުފާވެރި ރެއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތުންނާއި، އަޅުގަނޑުމެންގެ ތެރޭގައި ތިބި ހީވާގި ކުދިން ކޮޅެއްގެ މަސައްކަތުން ހޭންޑްބޯލް ރާއްޖޭގައި އަންނަނީ ކުރިއަރަމުން. އަޅުގަނޑުމެނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވީކަމުގައި ވިޔަސް، ޓީމްގެ ކުދިންނާއި އަޅުގަނޑުމެންގެ އެކްސްކޯ މެމްބަރުން ހިތްވަރު ދެރަ ނުކޮށް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރި ބުރަ މަސައްކަތް އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަ ކުރަން،" އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.

ޓީމްގެ ކޯޗް މުހައްމަދު ޝާން މުބާރާތަށް ޓީމް ތައްޔާރު ކުރުމަށް ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އިބްރާހީމް އިސްމާއީލް ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގައުމީ ހޭންޑްބޯލް ޓީމް ކުރިއަށް ކުޅެން އުނދަގޫ މެޗުތަކެއް ހުރިކަން ފާހަގަކޮށް، އޭނާ ވަނީ ޓީމަށް ހިތްވަރުދެއްވައި ޑިސިޕްލިން ހިފެއްޓުމަށް ނަސޭހަތްތެރި ވެފައެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓީމްގެ ކޯޗް ޝާން ބުނީ ޓީމްގެ އަޒުމާ އެއްގޮތަށް ކުޅުންތެރިން މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާތަކެއް ޓީމަށް ގެނެވިދާނެ ކަމަށެވެ. އަދި ޓީމް މިހާރު އޮތް ފެންވަރަށް ބައްޓަން ކޮށްފައި ވަނީ ވަރަށް ބުރަ މަސައްކަތާއެކު ކަމަށާއި، ޓީމުން ރާއްޖެއަށް ރީތި ނަމެއް ގެނެސްދެވިދާނެ ކަމާމެދު ޝައްކު ނުކުރާކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމްގެ ހޯމް ޖާޒީ(ވ. ފުރަތަމަ)،އަވޭ ޖާޒީ(ވ. ދެވަނަ)،ޓްރެވަލް ކިޓް(މެދު)އަދި ހޮޓެލް ކިޓް(ކ. އެއްވަނަ އަދި ދެވަނަ) --- ސަން ފޮޓޯ/ އަހްމަދު ޖުނައިދު
އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީއަށް ވާދަކުރާ މުބާރާތުގައި ބައިވެރިވުމަށް ގައުމީ ހޭންޑްބޯލް ޓީމް އަންނަ މަހުގެ ފުރަތަމަ ދުވަހު ފުރަން ހަމަޖެހިފައި ވާއިރު، ޓީމްގެ 14 ކުޅުންތެރިންގެ އިތުރުން އެ ދަތުރުގައި ފަސް އޮފިޝަލުން ބައިވެރިވެއެވެ. އޭގެ ތެރެއިން ދެ އޮފިޝަލަކު އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނުން ހިންގާ ކޯޗިންގް ކޯހުގައި ބައިވެރިވާން ހަމަޖެހިފައި ވާއިރު، އެ ފެޑަރޭޝަނުން ހިންގާ ރެފްރީ ކޯހުގައި އެއް އޮފިޝަލަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.