28 Nov 2014, 20:42
ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކޮށް އާންމުން ހޭލުންތެރި ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓާއި އެލައިޑް އިންޝުރެންސް ގުޅިގެން ޓްރެފިކް ރޯޑު ޝޯ އެއް ފަށައިފިއެވެ.
"ފުރާނައިގެ ރައްކަލަކަށް- ބަލައިން ދުއްވާ" މި ޝިއާރުގެ ދަށުން މިއަދު ހަވީރު ފެށި އެ ކެމްޕެއިން އިން އާންމުންނަށް ޓްރެފިކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެއެވެ. ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރޯޑުޝޯގައި އެކި މައުލޫމާތު ދިނުމުގެ ގޮތުން ސްޓޯލް ތަކެއް ވަނީ ހުޅުވާފައެވެ.
ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި އެލައިޑުގެ ޗެއާމަން މުހައްމަދު ރަޝީދު އިފްތިތާހު ކޮށްދެއްވި އެ ރޯޑު ޝޯ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މިއަދު ބޭއްވި ރޯޑު ޝޯ ގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވީ އެ ރޯޑުޝޯގެ ސަބަބުން ރާއްޖޭގެ މަގުމަތީގެ ހާލަތު މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"މާލޭގައި ވަރަށް ކުލަގަދަކޮށް ހިންގާ މި ރައްކާ ޝޯގެ ސަބަބުން ގިނަ ބަޔަކަށް މައުލޫމާތު ތަކެއް ލިބެމުން އެބަދޭ. އަޅުގަނޑުގެ އުންމީދަކީ މި ބޭއްވޭ ރޯޑްޝޯގެ ސަބަބުން މިހާރު ރާއްޖޭގެ [މަގުމަތީގެ] ހާލަތްތަކަށްވުރެ ރަނގަޅުގޮތްތަކެއް ވުން،" ކޮމިޝަނަރު ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެކްސިޑެންޓުތަކުގެ ސަބަބުން ގިނަ ކުދިންތަކަށް ގެއްލުންތަކެއް ވެގެންދާއިރު، އެ ރޯޑ ޝޯ ގެ ސަބަބުން އާންމުން ހޭލުންތެރި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެފަދަ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމުގައި އެލައިޑް އިންޝުއަރެންސް އިން އެހީތެރިވާތީ އޭނާ ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.