މިސްރު ސަރުކާރާ ދެކޮޅަށް އެގައުމުގެ ވެރިރަށް ގާހިރާގައި މިއަދު މުޒާހަރާކުރިމީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ހަތަރުމީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާ އިން ބުނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ގާހިރާގެ މަގުތަކަށް މިއަދު ނުކުތް އެތައް ހާސް މީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުން މަރުވިމީހުންގެ އިތުރުން އެތައް ބަޔަކު ޒަޚަމްވި ކަމަށެވެ.

ގާހިރާގައި މިއަދު މުޒާހަރާ ކުރީ އެގައުމުގެ ސަލަފީ ޖަމާއަތުން އެކަމަށް ގޮވައިލުމުންނެވެ. އެޖަމާއަތުން ބުނެފައި ވަނީ "މިސްރުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް މުސްލިމުން ތެދުވުމަށް ގޮވައިލާ" ކަމަށެވެ. މިއަދުގެ މުޒާހަރާ އިންތިޒާމު ކުރުމާއެކު މިސްރުގެ ސަލާމަތީ ބާރުތަކުން މިއަދު ވަނީ 100 އަށް ވުރެ ގިނަމީހުން ހައްޔަރުކޮށްފައެވެ. އެކަން ކުރިއަށް ދަނިކޮށް ގާހިރާގެ ތަފާތު ދެތަނެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި މިސްރު ސިފައިންގެ އިސް ދެ އޮފިސަރަކު މަރާލައި އިތުރު ދެމީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މުޒާހަރާ ކުރާނެ ކަން އިއުލާނުކުރުމާއި ގުޅިގެން މިސުރުގެ ސަލާމަތީ ބާރުތަކުން ވަނީ ގާހިރާގެ ތަހުރީރުމައިދާނާއި އެނޫންވެސް ބައެއް މުހިއްމު ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ.