28 Nov 2014, 19:48
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ އެމަނިކުފާނަށް ހިމާޔަތް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު މާލޭގައި ކުރި މުޒާހަރާއެއްގައި ޝާހިދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވައި އެމްޑީޕީއާ ވެރިކަން ހަވާލުކުރައްވައިފި ނަމަ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ބައިވެރިންނަށް ވެސް ހިމާޔަތް ދެއްވާނެ ކަމަށެވެ.
"... މަނިކުފާނު ފައިބައި ވަޑައިގަންނަވާ އަޅުގަނޑުމެންގެ ތެރޭގައި މަޑުމަޑުން ހުންނަވާށޭ، އަޅުގަނޑުމެންނަށް ވެރިކަން ހަވާލުކުރައްވާށޭ. އެމްޑީޕީއަށް ވެރިކަން ހަވާލުކުރައްވާށޭ. މަނިކުފާނާއި މަނިކުފާނުގެ އައުވާނުން އަޅުގަނޑުމެން ރައްކާތެރިކޮށްދޭނާމޭ،" ރައީސް ޔާމީނުގެ ބޭބޭފުޅު ، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ރިޔާސަތުގައި ފޮރިން މިނިސްޓަރުކަމާއި ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީކަން ކުރައްވާފައިވާ ޝާހިދު ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާގައި ރައީސް ނަޝީދުވެސް ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް އިންތިހާއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީނު ހައްޖަށް ވަޑައިގެން ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރައްވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ދައްކާ ވާހަކައާ އެއްގޮތަށް ނަޝީދު ވަނީ އެކަމާ ސުވާލު އުފައްދަވާފައެވެ. އަދި ސާކް ސަމިޓުގެ ތެރޭގައި ގައުމުތަކުގެ ވެރިން ބޭއްވެވި ބައެއް ބައްދަލުވުން ތަކުގައި ރައީސް ޔާމީނު ބައިވެރިވެވަޑައި ނުގަންވާ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ގްރޫޕަށް އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރުމަށްވީ އެއްބަސްވުން ދިފާއު ކުރައްވައި މިއަދުގެ މުޒާހަރާގައި އެމަނިކުފާނު ވަނީ އަނެއްކާވެސް ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެގޮތުން އެ އެއްބަސްވުމަކީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި އެއްބަސްވުމެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ އެއާޕޯޓުގެ ހާލަތު ވަރަށް ދެރަކަމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް އެތަނަށް އެހެން ގޮތެއް ހެދެން ނެތް ކަމަށެވެ.
"...ކުރިއަށް މިއޮތް ތިން ހަތަރު އަހަރުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް އެއާޕޯޓަށް އިތުރުގޮތެއް ހެދޭކަށް ނެތް. މިއަދު އެއާޕޯޓުގެ ހާލަތު މިވަނީ ވަރަށް ދަށްވެފައި،" ނަޝީދު ވިދާޅުވިއެވެ.