ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި އޭނާ އަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި މިއަދު ބުނެފި އެވެ.

ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ ޔާމީންގެ ދައުވާ ބިނާކޮށްފައި ވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތާއި ޔާމީންގެ ދައުވާގައިވާ ގޮތް ދިމާނުވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އެގޮތުން ޔާމީން ހައްޔަރު ކުރި ކަމަށް ދައުވާގައި ބުނެފައި ވަނީ ޖޫން 29، 2010 ގައި ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ޔާމީން ހައްޔަރު ކޮށްފައި ކަމަށް ބުނެފައި ވަނީ ޖޫން 30، 2010 ގައި ކަމަށެވެ.

ވަކީލާ ވިދާޅުވީ މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ގެއްލުމުގެ ބަދަލެއް ހޯދުމަށް ކަމަށެވެ. އެކަމަކު އެގޮތަށް ދައުވާ ކުރާ ނަމަ ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާކަން އޮންނަން ޖެހޭނީ ސާބިތުވެފައި ކަމަށާއި މިހާތަނަށް އެކަން ސާބިތުނުވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ޔާމީން ހައްޔަރުކޮށްފައިވާކަން އެއްވެސް ތަނެއްގައި ބުނެފައި ނުވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބުނީ ދައުވާ ކޮށްފައި ވަނީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލެއް ހޯދުމަށް ކަމަށެވެ. އެކަމަކު އެ މާއްދާގައި ބުނެފައި ވަނީ ބަދަލެއްގެ ވާހަކަ ކަމަށާއި އެއީ ގެއްލުމުގެ ބަދަލާ ވަރަށް ތަފާތު ކަމެއް ކަމަށެވެ.