28 Nov 2014, 18:52
ލ. ކައްދޫ އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވީ ކައްދޫ އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީއާ އެ އެއާޕޯޓު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެތަން އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަސްކަރީ އެއާޕޯޓަކަށް ބަދަލުވުމުން އެމްއެންޑީއެފް އިން ބޭނުންކުރާ ހުރިހާ ހެލިކޮޕްޓަރުތައް ވެސް އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަދި އެއެއާޕޯޓުގައި ބޭނުންކުރާ ވައިގެ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރިނަމަވެސް ކައްދޫ އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސްތަކަށް ބުރުލެއް ނާރާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތައް އިތުރުވެގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"މިގޮތަށް ހެދުމަކުން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބުރުލެއް ނާރާނެ. ޑޮމެސްޓިކް އޮޕަރޭޝަންތައް ހިންގަމުންދާއިރު އަޅުގަނޑުމެންގެ އެއްޗިހި އެތާ ބަހައްޓާނީ. މީގެއިތުރުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.