28 Nov 2014, 16:49
އިސްރާއީލުގެ ހަމަލާތަކުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާއަށް ދެދުވަސް ވަންދެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން އެރަށުގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.
އަލްޖަޒީރާ ބުނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ( ޔޫއެންރްވާ) އިން ޣައްޒާގައި ކުއްލި ހާލަތު އިއުލާން ކުރީ އިއްޔެގައި ކަމަށެވެ. އަދި ބުނީ ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ އުތުރުގައިވާ ޝައިޚު ރަދުވާން ނަމަކަށް ސަރަހައްދުން މީހުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން 63 ސްކޫލް ބަންދުކޮށްފައިވާ ކަމަށާއި ކުއްލި ހާލަތުގައި ބޭނުން ކުރާނެ ވަސީލަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ޔޫއެންރްވާ އިން ވަނީ ބުނެފައެވެ.
ޣައްޒާގައި ފެންބޮޑުވި އިރު އިސްރާއީލުން އެރަށުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ 100،000 އަށް ވުރެ ގިނަ މީހުން އެރަށުގައި އެބަ ތިއްބެވެ. ހަނގުރާމައިގެ ސަބަބުން ވީރާނާ ވެފައިވާ ޣައްޒާގައި 1.8 މިލިޔަން މީހުން ދިރިއުޅެއެވެ. އިސްރާއީލުން އެންމެ ފަހުން ހިންގި އުދުވާނުގައި އެރަށުން 2000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.